މަރްޔަމް ނަހްދާ ވަޙީދު   25 އޮކްޓޯބަރު 2026 - 10:51
ށ. ފުނަދޫ ބަނދަރުގައި ހުންނަ ޕެޓްރޯލް ޝެޑްގައި ރޯވުން
ށ. ފުނަދޫ ބަނދަރުގައި ހުންނަ ޕެޓްރޯލް ޝެޑްގައި ރޯވުން
ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި މިއަދު ހެނދުނު ރޯވި ނުރައްކާތެރި އަލިފާންގަނޑު ކޮންޓްރޯލް ނުވެ، އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ގަރާޖަކަށް ފެތުރި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 08:00 ހާއިރު ކަމަށްވާއިރު، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މަޢުލޫމާތު ދިން ގޮތުގައި، އަލިފާން އަދިވެސް އެއްކޮށް ކޮންޓްރޯލް ކުރެވިފައި ނުވި ނަމަވެސް، އަލިފާނުގެ އަސަރު ފޯރި ސަރަޙައްދުގެ ގެތަކުން މީހުން މިހާރު ވަނީ ރައްކާތެރިކަމާއެކު ހުސްކުރެވިފައެވެ. އަދި މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ފުނަދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ތެޔޮ ޝެޑުގައި އަލިފާން ރޯވީ ހެނދުނު ގާތްގަނޑަކަށް އަށެއް ޖަހަން އުޅެނިކޮށެވެ. ތެލުގެ އަސަރު ހުރުމުގެ ސަބަބުން އަލިފާންގަނޑު ވަރަށް ބާރަށް ކައިރީގައި ހުރި ވޯކްޝޮޕްތަކަށާއި ގަރާޖުތަކަށް ވަނީ ފެތުރިގެން ގޮސްފައެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި، ފުނަދޫ އެއާޕޯޓުގެ ފަޔާ ޓީމުގެ އިތުރުން ރަށުގެ އާންމު ރައްޔިތުން ގުޅިގެން މެދުކެނޑުމެއް ނެތި ހަރަކާތްތެރިވަމުން އަންނައިރު، ހާލަތު ގޯސްވަމުން ދާތީ އެހީތެރިވުމަށް ހދ. ކުޅުދުއްފުށީގެ އެމްއެންޑީއެފް ފަޔާ ޓީމު ވެސް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާއާ ގުޅިގެން ށ. އަތޮޅު ހޮސްޕިޓަލުން ވަނީ އޯޕީޑީގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ. އަދި މި ވަގުތު ހޮސްޕިޓަލުން ޚިދުމަތް ދެމުން ގެންދާނީ ހަމައެކަނި ކުއްލި ފަރުވާ ބޭނުންވާ އިމަޖެންސީ ހާލަތްތަކުގައި އެކަނި ކަމަށް އެ ހޮސްޕިޓަލުން ވަނީ އަންގާފައެވެ. ކަމާބެހޭ އިދާރާތަކުން ދަނީ އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ އެއްކޮށް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު