މަރުވާއަށް ލިބުނު ދެ ކުދިން
މަރުވާއަށް ލިބުނު ދެ ކުދިން
ބާރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު، އެއްމާބަނޑު ދެކުދިން ލިބުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޔޫއޭއީގައި ދިރިއުޅެމުންދިޔަ މަރުވާ އަޙްމަދު އަލް އަމީން ބަޚީތު (36 އަހަރު) ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

އަޖްމާންގެ ހޮސްޕިޓަލެއްގައި ސިޒޭރިއަން ހަދައިގެން ދެވަނަ ކުއްޖާ ވިހެއުމުގެ ތެރޭގައި ދިމާވި ޞިއްޙީ ނާޒުކު މައްސަލަތަކަކާ ގުޅިގެން މަރުވާ ނިޔާވުމަކީ، އެ މުޅި ޢާއިލާއަށް ނަފްސާނީ ގޮތުންނާއި މާލީ ގޮތުން ފޫނުބެއްދޭ ވަރުގެ ބޮޑު ހިތާމައަކާއި ސިހުމެއް ގެނުވި ހާދިސާއެކެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި އެ ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދުބާއީ ޕޮލިހުން ވަނީ މަރުވާގެ ފިރިމީހާ އުސްމާން އަޙްމަދު މުޙައްމަދު އަލް މައްކީ އަދި މަރުވާގެ ކޮއްކޮ މަހާއަށް ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފައެވެ.

ދުބާއީ ޕޮލިހާއި މި ޢާއިލާއާ ދެމެދު އޮތް ގުޅުމަކީ، 1979 ވަނަ އަހަރު މަރުވާގެ ބައްޕަ، ސާޖަންޓް އަޙްމަދު އަލް އަމީން ބަޚީތު ދުބާއީ ފުލުހުންގެ ޚިދުމަތާ ގުޅުނު ހިސާބުން ފެށިގެން އައި، ގާތްގަނޑަކަށް 50 އަހަރުވީ ބަދަހި އަދި ތާރީޚީ ގުޅުމެކެވެ.

މަރުވާގެ ބައްޕަ ނިޔާވުމާ ގުޅިގެން 1993 ވަނަ އަހަރު އޭނާގެ މަންމައަށް ވެސް ފުލުހުންގެ އިދާރާއިން ވަޒީފާ ހަމަޖައްސައިދިނެވެ. އަދި މަންމަ ނިޔާވުމުން، 2016 ވަނަ އަހަރުން ފެށިގެން ދުބާއީ ޕޮލިސް ހެލްތު ސެންޓަރުގައި ވަޒީފާ އަދާކުރަމުން ދިޔައީ މަރުވާއެވެ. މަރުވާއަކީ އެ މުޅި ޢާއިލާގެ މާލީ ޒިންމާތައް އުފުލަމުންދިޔަ މައި ތަނބެވެ.

އަލަށް އުފަންވި ދެ ފިރިހެން ކުދިން ކަމަށްވާ ފަހަދު އަދި ފަހެދު މިހާރު ބަލަހައްޓަމުން ގެންދަނީ އަބޫދާބީގައި ދިރިއުޅޭ މަރުވާގެ ދައްތައެވެ.

ކުދިންގެ ބައްޕަ އުސްމާން ފާހަގަކުރި ގޮތުގައި، ޖަނާޒާގެ ކަންކަމުގައާއި ހޮސްޕިޓަލުގެ މަރުޙަލާތަކުގައި ދުބާއީ ޕޮލިހުން ދިން އެއްބާރުލުމާއި، ޢާއިލާއަށް ދެއްވި ވަޒީފާގެ ފުރުޞަތަކީ މި ބޮޑު ހިތާމައިގެ ތެރޭގައި ޢާއިލާއަށް ލިބުނު ވަރަށް ބޮޑު ތަސައްލީއެކެވެ.

ދުބާއީ ޕޮލިހުން ހާމަކުރި ގޮތުގައި، މި އެހީތެރިކަމަކީ މުވައްޒަފުންނާއި އެމީހުންގެ ޢާއިލާތަކުގެ ލާބައަށް އިސްކަންދީ، އެ އިދާރާއިން ގެންގުޅޭ އިޖުތިމާޢީ އަދި އިންސާނީ ޚިދުމަތުގެ ރިވެތި އުސޫލުތަކުގެ ދަށުން ފޯރުކޮށްދިން އެހީތެރިކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު