މަސްވެރިން-
މަސްވެރިން-
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން ބާއްވާ، 46 ވަނަ މަސްވެރިންގެ ދުވަހުގެ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

"މަސްވެރިކަމުގެ ސިނާޢަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 3 އިން 7 އަށެވެ.

މި މުބާރާތުގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި، އެކަޑަމީތަކާއި، ކްލަބް ޖަމްޢިއްޔާތަކުގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މީގެ އިތުރުން، އަމިއްލަ ގޮތުން ޓީމު ހަދައިގެން ވާދަކުރަން އެދޭ ފަރާތްތަކަށްވެސް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ.

މުބާރާތުގެ ޤަވާއިދުގައިވާ ގޮތުން ކޮންމެ ޓީމެއްގައި 3 ބައިވެރިން ތިބެންޖެހޭއިރު، ބަދަލުގައި އަރާނެ އިތުރު 2 ބައިވެރިން ޓީމުގައި ހިމެނިދާނެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މުބާރާތުގައި ބައިވެރިވެވޭނީ މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް 16 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. މުބާރާތުގެ ނިމުމުގައި އެންމެ މޮޅު 3 ބަހުސްކުރުންތެރިންގެ އިތުރުން، އެންމެ މޮޅު 3 ޓީމު ހޮވުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު، އަންނަ ނޮވެމްބަރު މަހުގެ 5 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ވުޒާރާއަށް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު