އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހުން ގޮވައިގެން ހޮސްޕިޓަލަށް ދަތުރުކުރި އެމްބިއުލާންސް ވެސް އެކްސިޑެންޓުވެއްޖެއެވެ.

ފުލުހުން ބުނީ، ފުރަތަމަ އެކްސިޑެންޓު ހިނގާފައިވަނީ ރޭ 21:40 އެހައިކަންހާއިރު ހިތަދޫ ޑޭޒީ މަގާއި އެޅެދީދީ މަގު ގުޅުނު ކަންމަތިން ދެ ސައިކަލު ޖެހިގެން ކަމަށެވެ. މި ހާދިސާގައި ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އަނިޔާވި ހަތަރު މީހުންނަށް މިހާރު ދަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެކްސިޑެންޓުވި ދެ ސައިކަލު ދުއްވަން ތިބި ދެ މީހުންނަކީ ވެސް އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ބައެއް ނޫން ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އޭގެއިތުރުން މި އެކްސިޑެންޓުގައި އަނިޔާވި މީހުން ގޮވައިގެން ހޮސްޕިޓަލަށް ދިޔަ އެމްބިއުލާންސް އެކްސިޑެންޓުވީ ރޭ 21:59 އެހައިކަންހާއިރު ހިތަދޫ ބޮޑުމަގުން ދުއްވާފައި ދަނިކޮށް ކާރެއްގައި ޖެހިގެންނެވެ. ނަމަވެސް، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އިތުރު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން އެމްބިއުލާންސްގައި ޖެހުނު ކާރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކޮށްފައެވެ. ފުލުހުން ބުނީ މި ދެ އެކްސިޑެންޓުގެ މައްސަލަ ވެސް އެއިދާރާއިން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު