މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، މި މަހުގެ 2 ވަނަ ދުވަހު ނިޔާވި ދެ ގައިދީއެއްގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، މި ތަހުގީގުގެ ބޭނުމަށް ދެ މީހުންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. މިމަހުގެ 2 ވަނަ ދުވަހު ނިޔާވެފައިވަނީ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، ޙަސަން ނިޔާޒު (45އ) އާއި، މާލޭ ދަފްތަރު ނަންބަރު ދރ 439، އިބްރާހީމް ސުހައިލް (53އ) އެވެ.

ފުލުހުން ބުނީ، މި ދެ މަރުގެ ހަގީގަތް ދެނެގަތުމަށްޓަކައި އޮޓޮޕްސީ ހެދުމަށް ބޭރަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މީގެ ތެރެއިން އެކެއްގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، އޮޓޮޕްސީ ހަދަން ނިންމީ މަރުތަކުގެ ސަބަބު ސާފުކޮށް ކަށަވަރު ކުރުމަށެވެ.

ކަރެކްޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، އިބްރާހީމް ސުހައިލް ނިޔާވީ އޭނާގެ ސިއްހީ ހާލަތު ގޯސްވެގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ ހަފްތާއެއް ވީފަހުންނެވެ. އޭނާއަށް ނިއުމޯނިއާ ޖެހިފައިވާއިރު، މީގެ ކުރިން ސްޓްރޯކެއް ޖެހިގެންވެސް ފަރުވާ ހޯދާފައިވާ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

ޙަސަން ނިޔާޒު ނިޔާވީ މި މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހު ދިމާވި ކުއްލި މެޑިކަލް އެމަޖެންސީއަކާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ކަރެކްޝަންސްއިން ކުރިން ބުނެފައިވެއެވެ.

ޖަލުގައި ކުއްލި ގޮތަކަށް ދެ ގައިދީން ނިޔާވުމާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާއިރު، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ދަނީ މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު