ތިލަފުށީ ވެމްކޯ ސައިޓްގައި ވަޒީފާ އަދާކުރަމުންދިޔަ ބަންގްލަދޭޝްގެ އަމީން މިއާގެ މަރުގެ މައްސަލާގައި ގަސްދަކާ ނުލައި މީހަކު މެރުމުގެ ތުހުމަތު ފުލުހުން ކުރާ، ލަންކާގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ޢުމުރުން 24 އަހަރުގެ އަމީން މިއާ ޖެނުއަރީ 26 ގައި ގެއްލިފައިވާއިރު، އޭނާ ގެއްލުނުކަން ވެމްކޯއިން ފުލުހުންނަށް ރިޕޯޓްކުރީ ޙާދިސާ ހިނގިތާ ދެ ދުވަސް ފަހުންނެވެ. އަމީން މިއާ ފެނިފައިވަނީ، ގެއްލިގެން ހޯދަމުން ދަނިކޮށް ތިލަފުށީ، ކުނިތަކެއްގެ އަޑީގައި މަރުވެފައި އޮށްވައެވެ. މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ، ތިލަފުށީގައި އޮޕަރޭޓްކުރާ އެކްސްކެވޭޓަރެއްގެ ޑްރައިވަރ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ހެޝަން އެވެ.

ހެޝަންގެ ބަންދުގެ މުއްދަތު ޖެހުމަށް ފުރަތަމަ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަސް ވަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައެވެ. އަދި މިއަދު ވަނީ އޭނާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފައެވެ. ހެޝަންގެ މުއްދަތު މަޖިލީހުގައި ފުލުހުން މިއަދު ބުނެފައިވަނީ އޭނާ އަކީ ޤަވާއިދާ ޚިލާފަށް އުޅޭ މީހެއް ކަމަށާއި، ޙާދިސާ ހިނގިފަހުން އޭނާ ފިލައިގެން ދިއުމަށް އުޅުނުކަމަށް ބެލެވޭ ކަމަށެވެ. މީގެ ކުރީގެ ބަންދު މަޖިލީހުގައި ފުލުހުން ބުނީ، ހެޝަން ދުއްވި އެކްސްކަވޭޓަރަކުން ޖެހި އަމީން މިއާ މަރުވެފައިވާ ކަމަށާއި، އަދި ހެޝަން އެކްސްކަވޭޓަރު އޮޕަރޭޓް ކޮށްފައިވަނީ ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށެވެ.

މިމައްސަލާގައި ފުލުހުން މީގެކުރިން މީޑިއާތަކަށް މަޢުލޫމާތުދެމުން ބުނެފައިވަނީ، މި ހާދިސާގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ ނިޔާވުމަށް މެދުވެރިވީ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ކުނި ޖަމާކޮށްފައިވާ ސައިޓުގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި އޭނާ ވެއްޓިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އޭރު ބުނީ، އަމީން މިއާ ވެއްޓުމުން، އެކްސްކެވޭޓަރުން ކުނިތައް އެހެން ދިމާލަކަށް ބަދަލު ކުރުމުގެ ތެރޭގައި އޭނާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި، އޭނާގެ ގައިމައްޗަށް ކުނިތައް އެޅިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

"ހާދިސާ ހިނގި ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާގެ ގައިގައި ޖެހުނު ނަމަވެސް، މަސައްކަތް މެދުކަނޑާނުލައި ކުރިއަށް ގެންގޮސްފައިވެއެވެ." ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ހަމައެއާއެކު މި މައްސަލައިގެ ތަހުގީގަށް އިތުރު ކުރިއެރުން ލިބެމުންދާ މިންވަރަކުން، ހާމަކުރެވެން ހުރި މައުލޫމާތުތައް ހާމަކުރަމުންދާނެކަމަށް ފުލުހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު