ފުލުހުންގެ ބެލުމިގެ ދަށަށް ގެންދިޔަ މަސްތުވާތަކެތި، ފޮޓޯ: ފޮލިސް
ފުލުހުންގެ ބެލުމިގެ ދަށަށް ގެންދިޔަ މަސްތުވާތަކެތި، ފޮޓޯ: ފޮލިސް
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ކުރެވޭ މަސައްކަތުގެ ދަށުން، މިއަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް އޮޕަރޭޝަނަށް ނެރޭނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހޯމް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުންނެވެ.

އެގޮތުން މީގެ ކުރިން ވައިގެ މަގުން ރާއްޖެއަށް ގެންނަ ޕެކޭޖުތައް ރެންޑަމްކޮށް ސްކްރީން ކުރަމުން ދިޔަ ނަމަވެސް، މިހާރު ހުރިހާ ޕެކޭޖެއް ސްކޭން ކުރަން ފަށާފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަދި ކަނޑުމަގުން އެތެރެކުރާ ތަކެތި ފާސްކުރުމަށްޓަކައި ޚާއްޞަ ކޮންޓެއިނަރ ސްކޭނަރެއް މިއަހަރުގެ ތެރޭގައި ބޭނުންކުރަން ފެށާނެ ކަމަށާއި، މި ބޭނުން ކުރަން ފެށުމުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެޅުއްވި އެންމެ މުހިންމު ފިޔަވަޅަކީ، މިކަމާ ގުޅުންހުރި ހުރިހާ އިދާރާތަކެއް އެއް މިނިސްޓްރީއެއްގެ ދަށަށް ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ސަބަބުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށާއި، ރާއްޖޭގައި މިތަކެއްޗަށް އޮތް ޑިމާންޑް ކުޑަކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ބަނގުރާ ހިމެނޭހެން ގާތްގަނޑަކަށް 2.3 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ހުއްޓުވުމަށް ފަށާފައިވާ ”އޮޕަރޭޝަން އަލިމަގު“ ގެ ދަށުން ގއ. ވިލިނގިލި، ފުވައްމުލައް އަދި އައްޑޫ ސިޓީގައި މި ވިޔަފާރި ކުރާ ފަރާތްތައް ދެނެގަނެވިފައިވާ ކަމަށާއި އަދި ރައީސްގެ އިރުޝާދުގެ ދަށުން މި އޮޕަރޭޝަން މުޅި ރާއްޖެއަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، މިއަހަރުގެ ތެރޭގައި އަމިއްލަ ފަރާތްތަކަށްވެސް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި، މިފަދަ މަރުކަޒުތައް ހިންގާނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު