ޣައްޒާގެ ހޮސްޕިޓަލްތަކުގައި ތިބި 60 މީހަކު ބަނޑުހައިހޫނުކަމުގައި މަރުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ކަމާބެހޭ އިދާރާތަކާ ހަވާލަދީ އދ. އިން ބުނެފިއެވެ.

އދ. އިން ބުނީ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައި ތިބި ފަރާތްތަކަށް ކާބޯތަކެއްޗާއި، ފެން ނުލިބުމުގެ ސަބަބުން މަރުވެދާނެ ކަމުގެ އިންޒާރު ހެލްތު މިނިސްޓްރީން ދީފައިވާ ކަމަށެވެ.

ޣައްޒާގެ އުތުރުގައި ހުންނަ އިންޑޮނޭޝިއާގެ ހޮސްޕިޓަލުގައި ޒަޚަމްވެފައިވާ ދިހަވަރަކަށް ބަލިމީހުން މިހާރުވެސް ކާނާއާއި ފެން ނުލިބުމުގެ ސަބަބުން މަރުވުމުގެ ނުރައްކާ އޮތް ކަމަށް ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނެއެވެ.

"ހޮސްޕިޓަލް އެތެރޭގެ އިންސާނީ ހާލަތު ވަނީ އިންތިހާއަށް ނުރައްކާތެރި ހާލަތަކަށް ގޮސްފައި، ޒަޚަމްވި މީހުންނަށް އަސާސީ ބޭނުންތައް ނެތުމުން، އެއީ [އިސްރާއީލުގެ] ބާރުތަކުން މަތިކޮށްފައިވާ ދަތި ޝަރުތުތަކުގެ ދަށުން ތަކުލީފު އިތުރުވާތީ،" އަންގާރަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދާ ބެހޭ ގޮތުން ކޮންމެ ދުވަހަކު ވަކިން ނެރޭ އަޕްޑޭޓްގައި އެ މިނިސްޓްރީން އިއްޔެ ބުނެފައި ވަނީ "އާއިލާތަކާ ދެކޮޅަށް ހިންގި ހަތަރު ޤަތުލުއާންމެއްގައި" މަދުވެގެން 28 މީހުން މަރުވެ 54 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 44،786 އަށް އަރާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން