ޣައްޒާއަށް ބޯކޮށް ވާރޭ ވެހުން
ޣައްޒާއަށް ބޯކޮށް ވާރޭ ވެހުން
ޣައްޒާއަށް ބޯކޮށް ވާރޭވެހި ވަގުތީ ފޭލިގެތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނެއް އިތުރު ނިކަމެތިކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުން ސަލާމަތްވުމަށް އާންމުން ދިރިއުޅެމުންދާ ވަގުތީ ފޭލިގެތަކުގެ ތެރެއިން ގިނަ ފޭލިގެތައް ފެނުއަޑިއަށް ގޮސްފައިވާއިރު، އެ ސަރަހައްދުގެ އިންސާނީ ހާލަތު މިހާރު ވަނީ އިންތިހާއަށް ގޯސްވެފައެވެ. މި އަހަރުގެ ފިނި މޫސުމުގެ ފުރަތަމަ ވިއްސާރައާ އެކު، އެންމެ 10 ގަޑިއިރުގެ ތެރޭގައި އެހީއަށް އެދި 1,500 އަށްވުރެ ގިނަ ކޯލް ލިބިފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން މައުލޫމާތު ދެއެވެ. އަދި ބައެއް ސަރަހައްދުތަކުގައި 30 އިން 40 ސެންޓިމީޓަރަށް ފެންބޮޑުވެ، މަގުތައް ވަނީ ކޯރުތަކަކަށް ބަދަލުވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމުގެ ސަބަބުން ޣައްޒާގެ އިމާރާތްތަކުގެ 81 އިންސައްތަ ވަނީ ބިމާ ހަމަވެފައެވެ. މީގެ ތެރޭގައި 92 އިންސައްތަ މީހުން ދިރިއުޅޭ ގެދޮރު ހިމެނޭއިރު، ކުރިން ދީފައިވާ ހަމަލާތަކުގައި ރެނދުލައި ބަލިކަށިވެފައިވާ ބައެއް ފާރުތައް ވިއްސާރައިގެ ސަބަބުން ވެއްޓި، އާންމުން ޒަޚަމްވުމުގެ ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި ހަނގުރާމައިގައި މިހާތަނަށް ފަލަސްޠީނުގެ 74,640 އަށްވުރެ ގިނަ އަޚުންނާއި އުޚުތުން ވަނީ ޝަހީދުވެފައެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު 175,940 އަށްވުރެ މައްޗަށް އަރައެވެ. ގެދޮރު ގެއްލި މަގުމަތިވެފައިވާ 1.5 މިލިއަނަށްވުރެ ގިނަ މީހުންގެ ތެރެއިން ގާތްގަނޑަކަށް 400,000 މީހުން ދިރިއުޅެމުންދަނީ ކަނޑުގެ އައްސޭރިފަށާއި ފެންބޮޑުވުމުގެ ނުރައްކާ އޮތް ނާޒުކު ސަރަހައްދުތަކުގައެވެ. މީގެ އިތުރުން، ޣައްޒާގެ ފެނާއި ނަރުދަމާ ނިޒާމުގެ 85 އިންސައްތަ ހަލާކުވެފައިވުމަކީ، ތަޣައްޔަރުވެފައިވާ ފެނުގެ ޒަރީއާއިން ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިގެން ދިއުމުގެ ބިރު ބޮޑުވެފައިވާ ކަމެކެވެ.

އިސްރާއީލުން ޣައްޒާ ހިސާރުކޮށް، އަންރުވާ (UNRWA) މެދުވެރިކޮށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅަމުންދާތީ، ފިނި މޫސުމަށް ކޮންމެހެން ބޭނުންވާ ފޭލިގެއާއި ހީޓަރު ފަދަ ޒަރޫރީ ސާމާނު ލިބޭނެ އެއްވެސް މަގެއް ނެތެވެ. މިހާލަތުގައި، ޔަހޫދީންގެ ހަމަލާތަކުން ސަލާމަތްވި ނަމަވެސް، ފިނިހޫނުމިން އިންތިހާއަށް ދަށްވުމާއި، ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުން ދަނީ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކެކުޅުންތެރި ހަނގުރާމައެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު