އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގާ ގަތުލުޢާންމާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން މިއަދު އަމުރެއް ނެރެފިއެވެ.

އައިސީޖޭއަށް މި މައްސަލަ ހުށަހަޅާފައިވަނީ ސައުތް އެފްރިކާއިންނެވެ. އައިސީޖޭއިން ވަނީ އިޒްރޭލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމާއި ބެހޭ މުއާހަދާއާއި ޚިލާފު އަމަލުތަކެއް ކަމަށް ނިންމާފައެވެ. އަދި މި އަމަލުތައް ވަގުތުން ހުއްޓުމަށް އަމުރުކޮށްފައިވެއެވެ.



ރިިޕޯޓްތައް ބުނާގޮތުގައި އިޒްރޭލުން ޣައްޒާ ހިފާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަކަށް ކޯޓުން އަމުރުކޮށްފައެއް ނުވެއެވެ. ނަމަވެސް އިޒްރޭލުން ޣައްޒާގެ ޢާންމުންގެ ފުރާނަތައަށް ނުރައްކާ ކުރުން ހުއްޓުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ކޯޓުން އަންގާފައި ވެއެވެ. އަދި ދުނިޔޭގެ އެކި ތަންތަނުން ޣައްޒާއަށް ފޮނުވަމުންދާ އެހީގެ ސާމާނު ފޯރުވުމުގައި ހުރަސް ނޭޅުމަށްވެސް ކޯޓުން އަމުރުކޮށްފައި ވެއެވެ.

ދަ ހޭގްގެ ކޯޓުން ވަނީ މަހެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލުން ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފައެވެ.

ދެކުނު އެފްރިކާއިން ކޯޓުގައި އެދުނީ ވީއެންމެ އަވަހަކަށް ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ކުރުމަށް އިސްރާއީލުން ހިންގާ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމަށް މަޖުބޫރުކުރާ ވަގުތީ އަމުރެއް ނެރުމަށެވެ.

،މި އަމުރަށް ކިޔަމަން ނުވާނެ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބުނެފައެވެ. ނަތަންޔާހޫ ވަނީ ޣައްޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް ނުހުއްޓާނެ ކަމަށް ބުނެފައެވެ. އިޒްރޭލާއި ޚިލާފަށް ހަމާސްއިން ވަނީ އިޒްރޭލުން ޣައްޒާގައި ކުރިއަށްގެންދާ އަސްކަރީ ހަަމަލާތައް ހުއްޓާލައިފިނަމަ އެޖަމާއަތުންވެސް އައިސީޖޭގެ އަމުރަށް ބޯލަނބައި، ސަހްޔޫނީ ސިފައިންނާއި ހަމަލާ ބަދަލުކުރުން ހުއްޓާލާނެ ކަމަށް ބުނެފައެވެ.

މިއަދުގެ ނިންމުމުގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ހުއްޓަން އައިސީޖޭ އިން އަންގާފައެއް ނުވެއެވެ. އެކަމަކު، 7 އޮކްޓޫބަރުގައި އިޒްރޭލުގެ ބިމުން ހަމާސް އިން ރަހީނު ކުރި މީހުން ދޫކޮށްލުމަށް އައިސީޖޭ އިން ގޮވާލާފައި ވެއެވެ.

ޣައްޒާގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކުށްތަކުގެ ހެކި ނައްތާނުލުމަށްވެސް އައިސީޖޭއިން އަމުރުކޮށްފައި ވެއެވެ. އަދި ޣައްޒާގެ ރައްޔިތުން ގެދޮރު ދޫކުރުމަށް މަޖުބޫރުކޮށް ބޯހިޔާވަހިކަން ހޯދަމުންދާ ސަރަހައްދުތަކުން ބޭރުކުރުން ހުއްޓުމަށްވެސް އައިސީޖޭއިން އަމުރުކޮށްފައި ވެއެވެ.

ދެކުނު އެފްރިކާއިން އައިސީޖޭއަށް މައްސަލަ ހުށަހެޅުމުން އިޒްރޭލުން ވަނީ އެމައްސަލަ ބޭރުކުރުމަށް އެދިފައެވެ. ނަމަވެސް، އެ މައްސަލައިގައި ކޯޓަށް ހުކުމް އިއްވުމުގެ އިހްތިސާސް އޮންނަ ކަމަށް އައިސީޖޭއިން ނިންމާފައި ވެއެވެ. އައިސީޖޭއިން ވަގުތީ އަމުރެއް ނެރުނު ނަމަވެސް، މި މައްސަލައިގެ ޝަރީއަތް އަހަރުތަކެއް ވަންދެން ދިގުލައިގެންދާނެއެވެ. އައިސީޖޭގެ ހުކުމްތައް އިސްތިއުނާފު ނުކުރެވުނަސް އެކަންކަން ތަންފީޒު ކުރުމުގެ ބާރެއް އެކޯޓަށް ލިިބިގެނެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން