މެދުއިރުމަތީގައި އޮތް އެމެރިކާގެ ނުފޫޒު ދެރަވެ ، ހީނަރުވަމުންދާ ވަގުތެއްގައި ، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކަން ސަޢުދީ ޢަރަބިއްޔާއަށް ތިން ދުވަހުގެ ދަތުރެއް މިހަފުތާގައި ފަށްޓަވާނެއެވެ.

މުޙައްލިލުން (އެނަލިސްޓުން) ދެކޭ ގޮތުގައި މިދަތުރުފުޅު ކުރެއްވިކަމުގައިވިޔަސް ، މެދުއިރުމަތީގެ ގައުމުތަކާއި އެމެރިކާއާއި ދެމެދުގައި އޮތް ހީނަރުވެފައިވާ ގުޅުންތައް އިޙްޔާކޮށް ދިރުވުންވާނީ އުސް ފަރުބަދަޔަކަށް އެރުންފަދަ ޖިހާދަކަށެވެ.

މިއަށްވުރެ މަތީ ފަންތިން މިދިޔަ އަހަރުގެ ޖުލައި މަހު ، އެމެރިކާގެ ރައީސް ޖޯ ބައިޑަން ސަޢުދީއަށް ވަޑައިގަތެވެ. އެދަތުރުފުޅުގައި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ބައްދަލުވުމެއްގައި ބައިޑަން ބައިވެރިވެވަޑައިގަތެވެ. އެބައްދަލުވުމުގައި ހުވާކުރައްވަވާ ބައިޑަންވިދާޅުވި " ޗައިނާއާއި ރަޝިޔާއާއި އީރާނުން އައިސް ހުސްތަންފުރަން ޖާގަދީފައި ، މިސަރަޙައްދު ދޫކޮށް އެމެރިކާއެއް ނުދާނެ". ކަންވީ ބައިޑަން ވެވަޑައިގެންނެވި ވަޢުދާ ދިމާ އިދިކޮޅަށެވެ.

އެމެރިކާއިން ދެކޮޅުހަދަހަދާ އޮތްވާ ، މެދުއިރުމަތީގެ ގައުމުތަކުން މިދިޔަ އަހަރުވަނީ ޗައިނާއާއި އީރާނާއެކު ގުޅުން ބަދަހިކޮށްފައެވެ. އަދި ރަޝިޔާއާއެކު އޮންނަ ގުޅުން ދަމަހައްޓާފައެވެ. ދާދިފަހުން ޗައިނާގެ އިސްނެގުމާއި ދިން ޔަގީންކަމުގެ ޒަރިއްޔާއިން ސަޢުދީއާއި އީރާނު ވެފައިވާ ޞުލްޙަޔަކީ މާބޮޑު ކަމެއް ނޫންކަމަށް ދެއްކުމަށް އެމެރިކާއިން މަސައްކަތްކުރިއެވެ. އެކަމަކު މެދުއިރުމަތީގައި ، ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަލްފުގައި ، ޗައިނާގެ ނުފޫޒު މާގަދަވަނިއްޔޭ ކިޔައިގެން މޮޔަވެގެން އުޅޭފަދަ ގޮތަކަށް އުޅޭކަހަލައޭ ބުނާފަދައިންވެސް އެމެރިކާއިން އުޅެއެވެ.

ފާއިތުވި ވިއްސަކަށް އަހަރުގައި ކުރި މަސައްކަތުން ، އެމެރިކާވަނީ ތެލާއި ގޭހާ އެތެރެނުކޮށް އެގައުމަށް ފުދޭވަރަށް އެދެބާވަތް އަމިއްލަޔަށް އުފައްދާ ގައުމަކަށް ބަދަލުވެފައެވެ. ކުރިން އެމެރިކާއިން ބޭނުންވި މިންވަރަށް މެދުއިރުމަތީގެ ތެޔޮ ، ދުވަސްކޮޅަކުން އެގައުމަކަށް ބޭނުމެއްނުވާނެއެވެ. ނަމަވެސް އެމެރިކާއިން ބުނަމުންދަނީ މެދުއިރުމަތީގައި އޮންނަންވާނީ އެމެރިކާގެ ބާރުކަމަށެވެ. ބޭނުމަކީ ދެކޮޅުވެރިކަމުގެ ނުވަތަ ހަނގުރާމައިގެ ވަގުތެއްގައި ޗައިނާއަށް ކޮންމެހެން ބޭނުންވާ މެދުއިރުމަތީގެ ތެލާއި ގޭސް ޗައިނާއަށް ލިބުނަނުދިނުމެވެ. އަދި އެތަކެތި އެފަދަ ވަގުތުގައި އެމެރިކާގެ ބައިވެރިންނަށް މެދުއިރުމަތިން ލިބޭނެ ގޮތް ހަމަޖެއްސުމެވެ.

މިދިޔަ މަހު ބްލިންކަން ދެއްވި އިންޒާރެއްގައި ވިދާޅުވީ "މިއަދު އަޅުގަނޑުމެންނަށް ދުނިޔޭގެ ސިޔާސީ މައިދާނުގައި ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ގޮންޖެހުމަކީ ޗައިނާ. ޗައިނާއަކީ އަޅުގަނޑުމެންގެ ޢާލަމީ ތަޞައްވުރާ ވާދަކުރުމުގެ ނިޔަތް އޮތް ، ވާދަކުރެވޭނެ ކުޅަދާނަކަށް ހުރި ގައުމެއް."

އެމެރިކާއިން ދައްކާ ވާހަކަތަކަށް، ބިރުތަކަށް ބެލުމެއްނެތި ގަލްފުގެ ޢަރަބި ގައުމުތަކުން ދަނީ ޗައިނާއާއި ރަޝިޔާއާއި އީރާނާއި ގުޅުންތައް ބަދަހިކުރަމުންނެވެ. މުޙައްލިލުން ބުނާ ގޮތުގައި ސަޢުދީ ޢަރަބިއްޔާއިން އެމެރިކާއަށް އިތުބާރުކުރުން ހުއްޓާލީ އަފްގާނިސްތާނުން އެމެރިކާ ފޭބި ގޮތުން ، ދަންވަރެއްގައި ފިލާ ރައްކާވި ގޮތުން ، އެމެރިކާއަށް އިތުބާރުކުރުމުގައި ރައްކާތެރިކަމެއް ސަލާމަތެއް ނެތްކަން ގަބޫލުކުރެވިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން