ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި، ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ގެޒެޓުކުރާތާ ތިން މަސް ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރުން ލާޒިމުކޮށް ބިމާބެހޭ ގާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ހުށަހެޅުއްވި އެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ، ޖަލްސާގައި ތިއްބެވި 41 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ބިމާބެހޭ ގާނޫނަށް މީކާއީލް ހުށަހަޅުއްވާފައިވާ އިސްލާޙުގައި ވަނީ ގާނޫނަށް އަމަލު ކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓް ކުރުމަށްފަހު ހަވާލު ކޮށްފައި ނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިންމަސްދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާރާއަކުން ހަވާލު ކުރަންވާނެ ކަމަށެވެ.

ހަމައެއާއެކު ގާނޫނަށް އަމަލު ކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓް ކުރުމަށްފަހު ރަޖިސްޓްރީ ހަވާލު ނުކޮށް ހުރި ގޯތިތަކުގެ ރަޖިސްޓްރީ މި ގާނޫނަށް އަމުލު ކުރަން ފަށާ ތާރީހުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާރާއިން ހަވާލު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް، ގެޒެޓް ކުރާ ތާރީހުން ފެށިގެން ގިނަ ވެގެން ހަ މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ އެ ގޯތި ދޫކުރި އިދާރާއިން ހަވާލު ކުރަން ވާނެ ކަމަށްވެސް އިސްލާޙުގައިވެއެވެ.

ބިމާ ބެހޭ ޤާނޫނަށް މީކާއީލް ހުށައެޅި އިސްލާޙުތައް މަޖިލީހުން ފާސްކޮށްފައިވާއިރު ސަރުކާރުންވެސް ވަނީ ބިމާ ބެހޭ ޤާނޫނަށް އިސްލާޙުތަކެއް ގެނައުމަށް މަޖިލީހަށް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން