ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ތުރުކީން ގެނައި ޔޫއޭވީ (ޑްރޯން)ގެ މުއާމަލާތާއި ގުޅޭ ގޮތުން ސުވާލުކުރުމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ހާޒިރުކުރާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކޮމިޓީ (241 ކޮމިޓީގެ) ބައްދަލުވުން ސިއްރުކޮށްފި އެވެ.

ޑްރޯން މުއާމަލާތާ ގުޅޭ ތަފްސީލީ މައުލޫމާތުތައް ހޯދަން ގައްސާން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހުސައިން ލަތީފެވެ.

ނަމަވެސް ގައްސާން ކޮމިޓީއަށް ހާޒިރުކުރުމުގެ ކުރިން އެ ބައްދަލުވުން ސިއްރުކުރަން ޑިފެންސް މިނިސްޓްރީން ވަނީ ސިޓީއެއް ހުށަހަޅައިފަ އެވެ.

ސަރުކާރުގެ އެ އެދުމާ އެއްގޮތަށް ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. އަދި އެ ހުށަހެޅުމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ތާއިދުކުރައްވައި އެ ހުށަހެޅުން މިއަދުގެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ޑްރޯންތައް ގަތް އަގުގެ ތަފްސީލު ސަރުކާރުން ހާމަކޮށްފައިނުވާ އިރު އެ މުއާމަލާތުގައި ކޮރަޕްޝަން ހިމެނޭ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކުރެެއެވެ.

ޑްރޯންތައް ރާއްޖެ ގެނަސް އެތަކެތި ބޭނުން ކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މިހާރު ވަނީ ބަލަހައްޓަން ފަށައިފަ އެވެ.

ޑްރޯންތަކުގެ ގޮތުގައި ބޭނުންކުރަނީ ތުރުކީގެ ބައިކާރު ކުންފުނިން އުފައްދާ ބައިރަކުތާރު ޓީބީ-2 މަރުކާގެ ޑްރޯންތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން