މެޑިކަލް ސްކޫލުގެ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ވިޔަ ނުދޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ދެއްވައިފިއެވެ.

ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލު ހިންގަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލުން އެ ސްކޫލުގެ ދަރިވަރުން ނުކުތުމަށް އެންގުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުންވަނީ ރައީސް އޮފީހުގެ އިސް ބައެއް ވެރިންނާއެކު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

އެ ބައްދަލުވުމަށް ފަހު އެމްއެންޔޫއެސްޔޫ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ރައީސް މުޢިއްޒުގެ ފަރާތްޕުޅުން ލިބިފައިވާ ކަމަށެވެ. އަދި ހަމައެހެންމެ ދަރިވަރުންގެ ތަޢުލީމީ ޙައްޤުތައް ރައްކާތެރިކުރުމުގައި ރައީސް ބައިވެރިވެވަޑައިގެން، އެކަމަށް އިސްކަން ދެއްވާކަމާއި، މިހާރަށްވުރެ ފުރިހަމަ ފެސިލިޓީތައް ގާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް އަރުވާފައިވާ ކަަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޔޫނިއަނުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލައިގެ ދާއިމީ ހައްލެއްް ލިބެންދެން ދަރުމަވަންތަ ހޮސްޕިޓަލުގައި ތިބެވޭނެ ކަމުގެ އުންމީދު އާވެފައިވާ ކަމަށެވެ.

މި މައްސަލައިގެ ދާއިމީ ހައްލަކާ ހަމަޔަށް ދިޔުމަށް ގިނަ ދުވަސްތަކެއް ހޭދަވާނެތީ، މިހާރު ދަރިވަރުން ކިޔަވަމުން އަންނަ އިމާރާތުގައި ދަރިވަރުންގެ ކިޔެވުން ކުރިޔެކޭ ވެސް އެއްފަދައިން ކުރިޔަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަކީ ހުރިހާ ދަރިވަރުންގެވެސް އެދުންކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން