އިދިކޮޅު އެމްޑީޕީ އިންތިހާބަކުން ބަލިވުން އެއީ ޕާޓީ ރޫޅުމެއް ނޫން ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު، ރީކޯ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ވަނީ ވަރަށް ބޮޑު ނާކާމިޔާބަކާއި ކުރިމަތިވެފައެވެ. 20 ވަނަ މަޖިލީހަށް އިންތިހާބުކުރި 93 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ލިބިފައިވަނީ އެންމެ 12 ގޮނޑި އެވެ.

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ އެޕާޓީ އިންތިހާބަކުން ބަލިވުމަކީ ޕާޓީ ރޫޅުމެއް ނޫން ކަމަށާއި އެކަން ނުކުރެވޭނެ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އެމްޑީޕީ ރޫޅާނުލެވޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެމްޑީޕީ ދެމި އޮންނާނެ ކަމަށެވެ. މޫސަ އިތުރަށް ވިދާޅުވީ އެމްޑީޕީ އަކީ 65 ގޮނޑިއާއެކު މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ތިބި ބައެއް ކަމަށެވެ. އެހެން ނަމަވެސް އެ އަދަދު 12 އަށް ތިރިވުމަކީ "ތަންކޮޅެއް ބޮޑުވަރު" ކަމަށް މޫސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަބަދުވެސް ވެރިކަމުގައި އޮންނަ ޕާޓީ އަކަށް ލިބޭ ގޮނޑި އިތުރު ކަމަށެެވެ. އަދި މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް އެކަށީގެންވާ ވަރަށް ކެމްޕޭން ނުކުރެވޭ ކަަމަށް މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ އެމްޑީޕީ ނެތި ދިއުމަކީ ރާއްޖެއަށް ރަނގަޅުވާނެ ގޮތެއް ނޫން ކަމަށެވެ. އެމްޑީޕީ މިހާރު އޮންނަނީ ވަރަށް ބޮޑަށް "ތަަޅުލެވިފައި" ކަމަށާއި އެޕާޓީ އަކީ މީގެ ކުރިން ވަރަށް "އެކްޓިވް" ޕާޓީ އެއް ކަމަށް މޫސަ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ވާނެ ގޮތް ބަލައި އެކަމަށްޓަކާ ފުރަތަމަ އެމްޑީޕީ ރުކުރުވާލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އިންތިހާބުން ބަލިވުމުން އެމްޑީޕީގައި މިއަދު ޒިންމާ ނަގާނެ އެއްވެސް ބޭފުޅެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އިންތިހާބުން ބަލިވުމުން ހޮރަށް ވަދެ ފިލުމަކީ އެމްޑީޕީގެ ސްޓައިލެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެ.

"މިހާރު ވެސް އެމްޑީޕީގެ ވަރަށް ގިނަ ދާއިރާތަކާއި ވަރަށް ގިނަ ގޮފިތަކާއި ތަންތަނުގައި އަޅުގަނޑުމެން އިންތިހާބުތައް ބާއްވައިގެން އަނެއްކާވެސް އަޅުގަނޑުމެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވާންވީ ވަގުތު މީ، އިންތިހާބެއް ނިމިގެންދިޔައީމަ އެ އިންތިހާބަކާއި ބެހޭގޮތުން ރައްޔިތުންނާއި ހަމަޔަށް ނުވަތަ ޕާޓީ މެމްބަރުންނާއި ހަމަޔަށް އަނގައިން ބުނެލަން ކެރޭނެ މީހަކު ނެތިއްޔާ ދެން ފާޑުކިޔާނެ ދެއްތޯ، އެމްޑީޕީ އަކީ ފާޑުކިޔާނެ ޕާޓީ، އަޅުގަނޑު ކިޔާނަން ޕާޓީ އަށްޓަކައި ދައްކާ ވާހަކަ އެއް މި ދައްކަނީ،" އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު ކަން ވެސް ކުރެއްވި މޫސަ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން