ދިވެހިރާއްޖެއާ މެދުއިރުމަތީގެ ފަތުރުވެރިކަމުގެ ދާއިރާގައި އިސްރޯލެއް އަދާކުރާ ފަރާތްތަކާއި ދެމެދު ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެ ސަރަހައްދުގެ 3 ސިޓީއެއްގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ރޯޑްޝޯ ސިލްސިލާއެއް ފަށައިފި އެވެ.

މި ސިލްސިލާގެ ފުރަތަމަ ރޯޑް ޝޯ މޭ 23 ވަނަ ދުވަހު ސައުދީ އަރަބިޔާގެ ވެރިކަންކުރާ ރަށްކަމުގައިވާ ރިޔާދްގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މޭ 25 ވަނަ ދުވަހު ޖިއްދާގައި ރޯޑް ޝޯ ކުރިއަށްދާނެއެވެ. މީގެ އިތުރުން، މޭ 26 ވަނަ ދުވަހު މި ސިލްސިލާގެ ފަހު ރޯޑްޝޯ ކުވައިތުގެ ކުވައިތު ސިޓީގައި ކުރިއަށްދާނެއެވެ.

މި ހަރަކާތްތަކުގެ އަމާޒަކީ އިންޑަސްޓްރީ ޕާޓްނަރުންނާއެކު މެދުއިރުމަތީ މާކެޓުގައި ދިވެހިރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ, އިތުރުކޮށް، ރާއްޖެއާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް, މި މާކެޓުން ދިވެހިރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.



މި ރޯޑްޝޯތަކުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައްކަމަށްވާ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތައް އެމްއެމްޕީއާރުސީއާއި އިންޑަސްޓްރީ ޕާޓްނަރުން އިޝްތިހާރުކުރާނެއެވެ. ރިޔާދްގައި ކުރިއަށްދާ ރޯޑްޝޯގައި 16 އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވަމުންދާއިރު، ޖިއްދާގައި ބާއްވާ ރޯޑްޝޯގައި 18 ޕާޓްނަރުންބައިވެރިވާނެވެ. މީގެ އިތުރުން، ކުވައިތު ސިޓީގައި ބާއްވާ މި ސިލްސިލާގެ އެންމެ ފަހު ރޯޑްޝޯގައި 17 ފަރާތަކުން ބައިވެރިވާނެއެވެ.



"ކަނެކްޓް ވިތް މޯލްޑިވްސް - ދަ އަލްޓިމޭޓް ޑްރީމް ޑެސްޓިނޭޝަން"ގެ ނަމުގައި ކުރިއަށްދާ މި ރޯޑްޝޯތައް ފަށައިގަންނަނީ އިންޑަސްޓްރީ ޕާޓްނަރުންގެ ހޫނު މަރުހަބާއަކާއެކުގައެވެ. އެއަށްފަހު ދިވެހިރާއްޖޭގެ ހާއްސަ ވިޑިޔޯ ޕްރެސެންޓޭޝަނެށް އެމްއެމްޕީއާރުސީއިން ދައްކާލައެވެ. މި ޕްރެސެންޓޭޝަނުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައްކަމަށްވާ ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑްތަކުގެ މައުލޫމާތާއި، ރާއްޖެއިން ލިބެންހުންނަ ހާއްސަ ތަޖުރިބާތަކަށް އަލިއަޅުވާލައެވެ.

ރާއްޖެއަށް ދަތުރުފަތުރުކުރުމަށް އަޅާފައިވާ އެންމެ ފަހުގެ ފިޔަވަޅުތަކާއި އިތުރު މައުލޫމާތުވެސް ރޯޑްޝޯތަކުގައި ދައްކާ ޕްރެސެންޓޭޝަން މެދުވެރިކޮށް ހިއްސާކުރެއެވެ. ދިވެހިރާއްޖެއަކީ ގުދުރަތީގޮތުން ވަކި ރައްތަކެއްގެ ގޮތުގައި އުފެދިފައިވާ ޖަޒީރާ މަންޒިލަކަށްވުމުންނާއި ރާއްޖޭގައި އަޅާފަވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަކީ ދަތުރުފަތުރުކުރަން އެންމެ ރައްކާތެރި އެއް މަންޒިލްކަން ރޯޑްޝޯ ސިލްސިލާގާ އިޝްތިހާރުކުރެވިގެންދެއެވެ.

ޑެސްޓިނޭޝަން ޕްރެސެންޓޭޝަނަށްފަހު މި ރޯޑްޝޯގަައި ނެޓްވޯކިންގް ސެޝަންތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ރޯޑްޝޯތަކުގައި ވިޒިބިލިޓީ އިތުރުކުރުމަށް އެމްއެމްޕީއާރުސީއިން ވަނީ ރޯޑްޝޯތައް ކުރިއަށްދާ ކޮންމެ ސިޓީއަކުން 80 އަށްވުރެގިނަ އެޖެންޓުންނަށް ދައުވަތު އަރުވާފައެވެ. އެގޮތުން މިއީ މި ރޯޑްޝޯ ސިލްސިލާގާ ބައިވެރިވި އިންޑަސްޓްރީ ޕާޓްނަރުންނަށް އެ ފަރާތްތަކުގެ ޕްރޮޕަޓީ އިޝްތިހާރުކޮށް ވަން-އޮން-ވަން ބައްދަލުވުންތައް ބާއްވާ، އައު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ލިބިގެންދާ އަގުހުރި ފުރުސަތުތަކެކެވެ. ނެޓްވޯކިން ސެޝަންތަކަށްފަހު މި ރޯޑްޝޯ ސިލްސިލާގާ ރެެފްލް އެއް ކުރިއަށް ގެންދެއެވެ.

ރިޔާދުގައި ބޭއްވި ރޯޑްޝޯގައި ގުރުއަތުން ހޮވުނު އެއް ފަރާތަށް ތާޖް އެގްޒޯޓިކާ ރިޒޯޓް އެންޑް ސްޕާ އިން ސްޕޮންސާކޮށްފައިވާ ހިލޭ ޗުއްޓީއެއް ހަދިޔާކުރިއެވެ. ޖިއްދާގައި ބާއްވާ ރޯޑްޝޯގެ ރެފްލް ސްޕޮޮންސާކޮށްފައިވަނީ ވިލާ ހޮޓެލްސް އެންޑް ރިޒޯޓް އަދި ކުވައިތު ސިޓީގައި ބާއްވާ ރޯޑްޝޯގެ ރެފްލް ސްޕޮންސާކޮށްފައިވަނީ ތާޖް އެގްޒޯޓިކާ ރިޒޯޓް އެންޑް ސްޕާ އިންނެވެ. އެމްއެމްޕީއާރުސީ ސްޕޮންސާކޮށްގެން ގުރުވަތުން ދެވަނަ ހޮވޭ ފަރާތައް ސްމާޓްވޮޗް އެއް ލިބޭއިރު ތިން ވަނަ ހޮވޭ ފަރާތައް ލިބޭނީ އެމޭޒަން ގިފްޓް ކާޑެކެވެ.

މި ރޯޑްޝޯ ސިލްސިލާ އެމްއެމްޕީއާރުސީއިން ކުރިއަށްގެންދަނީ މެދުއިރުމަތީ މާކެޓަށް ކަނޑައަޅާފައިވާ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީގެ އަމާޒުތަކުގެ ތެރޭގައި މެދުއިރުމަތީ މާކެޓުގައި ބީ-ޓު-ބީ އައުޓްރީޗް ފުޅާކުރުުން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ހުރިހާ ޕްރޮޑަކްޓްތަކާއި ތަޖުރިބާތަށް އިޝްތިހާރުކުރާ ކެމްޕެއިނުތަށް ހިނގުންހިމެނެއެވެ.

ދިވެހިރާއްޖެ އަކީ މަތީފަންތީގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ބޭނުން އެއް ޑެސްޓިނޭޝަންކަމާއި، އެފްލުއެންޓް ފަތުރުވެރިން އިސްކަންދޭ މަންޒިލެއްގެގޮތުގާ ރާއްޖެ ދެމެހެއްޓުމަކީވެސް މި މާކެޓަށް ކަނޑައަޅާފައިވާ ސްރެޓަޖީގައި ހިމެނޭ އަމާޒެކެވެ.

މިދިޔަ އަހަރު 91,413 ފަތުރުވެރިން ވަނީ މެދުއިރުމަތީ މާކެޓުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ސައުދީ އަރަބިޔާ އަކީ މިދިޔަ އަހަރު ދިވެހިރާއްޖެއަށް 7 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި މާކެޓެވެ.

މި އަހަރު މާރިޗް މަހާ ހަމައަށް 21،117 ފަތުރުވެރިންވަނީ މެދުއިރުމަތީގެ މާކެޓުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިހާތަނަށް މިއަހަރު މި މާކެޓުގައި ކުރިއަށްދިޔަ ބޮޑެތި ފެއާރތަކުގައި އެމްއެމްޕީއާރުސީއިން ވަނީ ބައިވެރިވެފައެވެ. ކިއުބީއެލްޓީ ކޮންގްރެސް, މޯލްޓް ކޮންގްރެެސް އަދި އޭޓީއެމް 2022 ފަދަ ބޮޑެތި ފެއާރތައް މީގެތެރޭގާ ހިމެނެއެވެ.

މީގެއިތުރުން، އޭޓީއެމް 2022ގެ ހަވާސާގައި އެމްއެމްޕީއާރުސީއިން ވަނީ އިންޓަނޭޝަނަލް ޓްރެވަލް ޓްރޭޑާއި، މީޑިއާގެ މެންބަރުންނަށް އަމާޒުކޮށް ހާއްސަ ޕްރެސް ކޮންފަރަންސެއް ބާއްވާ، ރާއްޖޭގެ އެންމެ ފަހުގެ ޑެސްޓިނޭޝަން މައުލޫމާތާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލް އަހަރު ފާހަގަކުރުމަށް ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައެވެ.

މި ފެެއާރތަކުގައި ބައިވެރުވުމުގެ އިރުތުން އެމްއެމްޕީއާރުސީއިން ވަނީ މެދުއިރުމަތީ މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ރީތި ނަން މި މާކެޓުގާ ދަމަހައްޓާ، ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްވެސް ރާވާފައިވެއެވެ. މީގެ ތެރޭގައި ޖޮއިންޓް މާކެޓިންގް ކެމްޕެއިންތަކާއި, ވެބިނާތަކާއި, ފެމިލިއަރައިޒޭޝަން ދަތުރުތަކާއި, އައުޓްޑޯ އެޑްވެޓައިޒިންނާއި، ރޯޑްޝޯތަކުގެ އިތުރުން ބޮޑެތި ފެއާރތަކުގާ ބައިވެރިވުން ހިމެނެއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން އެތަކެއް މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021 ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން