ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) 2026 ގެ ތެރެއިން-
ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) 2026 ގެ ތެރެއިން-
ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް، މުޅި ދުނިޔެއަށް ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ކުރިއަށްގެންދާ "ވިޒިޓް މޯލްޑިވްސް އިޔާ 2027: ސެލެބްރޭޓް ދަ ސަނީ ސައިޑް" ކެމްޕެއިން އިނގިރޭސިވިލާތުގެ ލަންޑަންގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) 2026 ގައި ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

މި ކެމްޕެއިން އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، އޮނަރަބަލް މުޙައްމަދު އަމީން ވިދާޅުވީ، ވިޒިޓް މޯލްޑިވްސް އިޔާ 2027 އަކީ ދިވެހި ރައްޔިތުންނާއި މުޅި ފަތުރުވެރިކަމުގެ ސިނާޢަތް އެކުވެގެން ދިވެހިރާއްޖޭގެ އެންމެ ފުރިހަމަ ސިފަތައް ދުނިޔެއަށް ދައްކުވައިދިނުމަށް ފަށާ ޤައުމީ ދަތުރެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި މެހެމާންދާރީ މުޅި ދުނިޔެއާ އެކު ފާހަގަކޮށް، 2027 ވަނަ އަހަރަކީ ހަނދާނުން ފޮހެވިގެން ނުދާނޭ ފަދަ އަހަރަކަށް ހެދުމަށް މިނިސްޓަރު ވަނީ ގޮވާލަށްވާފައެވެ.

މި ކެމްޕެއިނުގެ ދަށުން އަހަރު ދުވަހުގެ މުއްދަތަށް ގިނަގުނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ރިޒޯޓުތަކުގައި ބާއްވާ ޚާއްޞަ ހަރަކާތްތަކާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ބާއްވާ ސަގާފީ އަދި ކާބޯތަކެތީގެ ފެސްޓިވަލްތަކުގެ އިތުރުން، ވެލްނަސް، އެޑްވެންޗަރ އަދި ކަނޑުއަޑީގެ ތަފާތު ހަރަކާތްތައް ހިމެނެއެވެ. މިއީ ރާއްޖެއަށް ޚާއްޞަ ކަންކަން އެންމެ ފުރިހަމައަށް ދައްކުވައިދޭނެ އަހަރެކެވެ.

ނޮވެމްބަރު 3 އިން 5 އަށް ލަންޑަންގެ އެކްސެލް ގައި ކުރިއަށްދާ ޑަބްލިއުޓީއެމް ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 62 ކުންފުންޏަކުން 136 ފަރާތެއް ހިމެނޭހެން، ޖުމްލަ 161 މަންދޫބުންގެ ވަފުދެއް ބައިވެރިވެއެވެ. މި ވަފުދުގައި މިނިސްޓަރ މުޙައްމަދު އަމީން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. މި ފެއާގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ބައިނަލްއަޤްވާމީ ވިޔަފާރިވެރިންނާއި ބައްދަލުކޮށް، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރަމުން ދާއިރު، މިއީ ވިލާތުގެ މާކެޓަށާއި ދުނިޔޭގެ އެހެނިހެން މާކެޓުތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެކެވެ.

މި ފެއާގެ ހަވާސާގައި މިނިސްޓަރ މުޙައްމަދު އަމީން ވަނީ ދުނިޔޭގެ މަޝްހޫރު ޓްރެވަލް ކުންފުންޏެއް ކަމަށްވާ "ޑްނާޓާ"ގެ އިސް ވެރިންނާ ބައްދަލު ކުރަށްވާފައެވެ. އެގޮތުން ޑްނާޓާގެ އެސްވީޕީ ގްލޯބަލް ޓްރެވަލް ސާވިސަސް އެންޑް ޑެސްޓިނޭޝަން މެނޭޖްމަންޓް، މިސްޓަރ ސެބެސްޓިއަން ޑޫސިން އާއި، ޑިރެކްޓަރ އޮފް މާކެޓް މެނޭޖްމަންޓް މިސްޓަރ ޖޯ ސެގީ އާ ބައްދަލުކުރައްވައި ވިޒިޓް މޯލްޑިވްސް އިޔާ 2027 އާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ސަރުކާރުން ފަތުރުވެރިކަމުގެ ޕާޓްނަރުންނާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވައި، ރާއްޖޭގެ ކާމިޔާބީގައި ޑްނާޓާއިން ވެދޭ އެއްބާރުލުމަށް ސަރުކާރުގެ ނަމުގައި މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، އެސޯސިއޭޝަން އޮފް ބްރިޓިޝް ޓްރެވަލް އޭޖެންޓްސް (އަބްޓާ) ގެ ޑިރެކްޓަރ އޮފް ޕަބްލިކް އެފެއާޒް، މިސްޓަރ ލޫކް ޕެތަރބްރިޖްއާ ވެސް މިނިސްޓަރު ވަނީ ބައްދަލު ކުރަށްވާފައެވެ. މި ބައްދަލުވުމުގައި އަބްޓާގެ މެންބަރުންގެ މެދުގައި ރާއްޖެއަކީ މުހިންމު މަންޒިލެއްކަން ފާހަގަކުރައްވައި، އިނގިރޭސިވިލާތުގެ ޓްރެވަލް އިންޑަސްޓްރީއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު