ކޯޓަށް މައްސަލަ ހުށަހެޅުއްވި ފަސް އޮފިސަރުން
ކޯޓަށް މައްސަލަ ހުށަހެޅުއްވި ފަސް އޮފިސަރުން
ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކިކުރަން ނިންމި މައްސަލައިގައި އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގެ ޝަރީޢަތް ލައިވް ނުކުރުމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ސިވިލް ކޯޓުން މިގޮތަށް ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، މި މައްސަލާގެ ޝަރީޢަތުގެ އަޑުއެހުންތައް ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަކީ، ދިވެހި މުޖުތަމަޢުގެ އަމަން އަމާންކަން ގެއްލި، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާ ވެދާނެކަމެއް ކަމަށްފެންނާތީ ކަމަށް ބުނެއެވެ.

އޭގެ އިތުރުން މި ޝަރީޢަތުގެ އަޑުއެހުންތައް ޢާއްމުކޮށް ހުޅުވާލައިގެން ހިންގައިފިނަމަ، ހުށަހެޅިފައިވާ މި މައްސަލާގައި އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅިގެން ހިނގައިދާނެކަމަށް މި މައްސަލަބަލާ ފަނޑިޔާއަށް ފެންނާތީވެ، މި މައްސަލާގެ އަޑުއެހުންތައް ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށް މައްސަލަ ބައްލަވާ ޤާޟީ އަލީ އަބްދުﷲ ވަނީ ނިންމަވާފައެވެ.

ފުލުހުންގެ އާ ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) ތަންފީޒުކުރަން ފުލުހުންގެ އިސް ސަފުން ހަތް އޮފިސަރަކު ވަކިކުރަން ފެންނަކަމަށް 9 އޮގަސްޓު 2021 ގައި ޕޮލިސް ބޯޑުން ވަނީ ނިއްމާފައެވެ. އެ ނިންމުން ސިވިލް ކޯޓަށް ހުށައަޅައި އެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވަނިކޮށް އޭގެ ތެރެއިން ދެ އޮފިސަރަކު މަގާމުން ވަކިކޮށް، 5 އޮފިސަރުންނަށް މަގާމުން ވަކިކުރުމުގެ ނޯޓިސް ވަނީ ފޮނުވާފައެވެ. މިމައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މަގާމުން ވަކިކުރުމަށް ނިންމި 7 އޮފިސަރުންގެ ތެރެއިން 5 އޮފިސަރެއްގެ ފަރާތުން، ދިވެހި ޗެމްބާސް ލޯ ފާމުންނެވެ.

ކޯޓަށް މައްސަލަ ހުށަހަޅާފައިވާ 5 އޮފިސަރުންނަކީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ޝަމީމް އާދަމް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދުއެވެ.

ދިވެހި ޗެމްބާސްއިން މިމަހުގެ 6 ވަނަ ދުވަހު ބުނީ ވަކިކުރަން ނިންމާފައިވާ އޮފިސަރުންނާއިމެދު ކަންކުރެވިފައިވާ ގޮތުގެ މައްޗަށް ބަލާއިރު، މި 5 އޮފިސަރުންކުރެ އެއްވެސް އޮފިސަރަކަށް އަމިއްލަ ދިފާޢުގައި ބަސްބުނުމަށާއި، ޖަވާބުދާރީވުމުގެ ފުރުޞަތު ލިބިދީފައިނުވާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން މިއޮފިސަރުންގެ ގެއްލިފައިވާ ދުސްތޫރީ އަދި ޤާނޫނީ ޙައްޤުތަކުގެ ޙިމާޔަތުގައާއި، މި އޮފިސަރުންނާމެދު ކަންކުރެވިފައިވާ އިޖުރާއަތަށް ބަލާއިރު، ޤާނޫނީގޮތުން ބޮޑެތި ފުށުއެރުންތަކެއް އިޖުރާއީގޮތުން އެބަހުރިކަމަށެވެ. އެހެންކަމުން މި 5 އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާކަމަށް ދިވެހި ޗެމްބާސްއިން ބުނެއެވެ.

ދިވެހި ޗެމްބާސްއިން ބުނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައެޅުއްވުމުގެ ކުރިން މިފަރާތްތައް ވަޒީފާއިން ވަކިކުރުމާގުޅޭ އެއްވެސް ކަމެއް ނުކުރުމަށާއި، މިފަރާތްތަކުގެ ވަޒީފާ އަދާކުރުމުގެ ޙައްޤަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ޕޮލިސް ބޯޑް އަދި ކަމާގުޅޭ އެންމެހާ ފަރާތްތަކުގެ މައްޗަށް އަމުރުކޮށްދިނުން އެދި ވަގުތީ އަމުރަކަށްވެސް އެދިފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން