މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް
މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް
ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތަކީ ދެކޮޅު ނުޖެހޭ ހަރަދުތައް ކުރުމަށް ފައިސާ ޗާޕުކުރުން ކަމަށް ބުނެ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ޕެންޝަން އޮފީހުން ގަނެފައިވާ ބޮންޑުތަކެއް މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށް ވިއްކާލުމަށްފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓުކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެންނެވެ.

މި މުއާމަލާތާ ގުޅޭގޮތުން އާޒިމް ވިދާޅުވީ، މިއީ ސީދާ ފައިސާ ޗާޕުކުރުން ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން މަތިވެ، މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލިގެންދާނެ ކަމަށެވެ. އަދި އެމްއެމްއޭގެ ބޯޑުން މިފަދަ ނިންމުމެއް ނިންމީ ގަވާއިދާ ހިލާފަށް ކަމަށް ތުހުމަތުކުރައްވައި، އެމްއެމްއޭ އިން މި މުއާމަލާތް ހިންގަން އެއްބަސްވި ސަބަބުތައް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި މުއާމަލާތުގެ ސަބަބުން މި އަހަރުގެ ތެރޭގައި ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. އާޒިމް ވިދާޅުވި ގޮތުގައި އެމްއެމްއޭގެ އަސާސީ މަގުސަދުތައް ހާސިލްކުރުމުގައި އެ އިދާރާ މިހާރު ވަނީ ވަރަށް ބޮޑަށް ފެއިލްވެފައެވެ.

މި މައްސަލައިގައި އިގްތިސާދީ މާހިރުންވެސް ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ ބޭފުޅުން ވިދާޅުވަނީ މި މުއާމަލާތަށް އެމްއެމްއޭ އިން ފައިސާ ދޫކުރަނީ ރިޒާވްގައި ނެތް ފައިސާ ބޭނުންކޮށްގެން ކަމަށާއި، މިއީ ފައިސާ ޗާޕުކުރުމުގެ ހުރިހާ ސިފައެއް އެކުލެވޭ ކަމެއް ކަމަށެވެ. ނަމަވެސް، ޕެންޝަން އޮފީހުން ބުނަމުންދަނީ މި މުއާމަލާތުގެ ސަބަބުން އެ އޮފީހަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި، މިއީ އިންވެސްޓްމަންޓްގެ ރިޓާން އިތުރުވާނެ ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު