އިންޑިއާގެ ޖަރްކަންޑްގެ ކޯޕަރޭޓިވް ޑިޕާޓްމަންޓްގެ އަންހެން އޮފިސަރެއް ކަމަށްވާ މިތާލީ ޝަރުމާ، ރިޝްވަތު ހިފަނިކޮށް ހަޒާރީބާގް އެންޓި-ކޮރަޕްޝަން ބިއުރޯ (އޭސީބީ) އިން ހައްޔަރުކޮށްފިއެވެ. ކޮޑާމާގެ އެސިސްޓަންޓް ރެޖިސްޓްރާގެ މަގާމާ ހަވާލުވިތާ އެންމެ އަށް މަސް ދުވަސް ވެފައިވާ މިތާލީއަކީ އޭނާގެ ތަމްރީނަށްފަހު ފުރަތަމަ ފަހަރަށް ވަޒީފާގެ މައިދާނަށް ނުކުތް އޮފިސަރެކެވެ.

އޭސީބީން މިތާލީ ހައްޔަރުކުރީ މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހު، 'ކޮޑާމާ ވްޔަޕާރް ސަހްޔޮގް ސަމިތީ' ނަމަކަށް ކިޔާ ޖަމިއްޔާއަކުން 10،000 ރުޕީސްގެ ރިޝްވަތު ހިފަނިކޮށް ރެޑް-ހޭންޑެޑްކޮށެވެ. މިއީ އޭނާ އެ ޖަމިއްޔާގެ ކިބައިން އަތުލުމަށް ޑިމާންޑް ކުރި ޖުމްލަ 20،000 ރުޕީސްގެ ފުރަތަމަ ބައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިތާލީ ވަނީ އެ ޖަމިއްޔާ ބަލައި ފާސްކުރިއިރު ފާހަގަވި ބައެއް މައްސަލަތަކާ ގުޅިގެން، ރިޝްވަތު ނުދީފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބިރުދައްކާފައެވެ.

މި މައްސަލަ އޭސީބީއަށް ހުށަހެޅީ އެ ޖަމިއްޔާގެ މެންބަރެއް ކަމަށްވާ ރަމޭޝްވަރު ޕްރަސާދު ޔާދަވްއެވެ. އޭނާގެ ޝަކުވާއާ ގުޅިގެން އޭސީބީން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގައި، ފައިސާ ބަދަލުކުރަމުން ދަނިކޮށް މިތާލީ ހައްޔަރުކޮށްފައެވެ. މި ހާދިސާގެ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވުމާއެކު، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މިތާލީއަށް އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު