ތުއްތު ކުދިންތަކެއް
ތުއްތު ކުދިންތަކެއް
ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަކީ ކުޑަކުދިންނަށް ކުރާ އަނިޔާއިން އެކުދިން ރައްކާތެރިކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

މި ދުވަހާ ގުޅިގެން ޞިޙްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކޮންމެ ކުއްޖަކީވެސް ކުލުނުވެރި އަދި ރައްކާތެރި މާޙައުލެއްގައި ބޮޑުވުމުގެ ޙައްޤު ލިބިގެންވާ ކުއްޖެއްކަމަށާއި، ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށެވެ.

އަދި ކުދިންގެ ކިބައިން ފެންނަ އަނިޔާގެ ނިޝާންތައް ދެނެގަނެ، ކުދިންނަށް ކުރާ އަނިޔާގެ އަމަލުތައް ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކުޑަކުދިންނަށް ލިބޭ އަނިޔާތައް ރިޕޯޓުކުރުމަކީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު (19/2019) ގެ ދަށުން ކޮންމެ ފަރުދެއްގެ މައްޗަށްވެސް ލާޒިމުކުރާ ކަމެއްކަން މި ބަޔާނުގައި ވަނީ ހަނދާންކޮށްދީފައެވެ.

ރިޕޯޓުކުރުމުގެ ސަބަބުން ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެވި، އަނިޔާގެ ޝިކާރައަކަށްވާ ކުދިން އެ ހާލަތުން އަރައިގަތުމަށް ދައުލަތުގެ މުއައްސަސާތަކުން ކުރާ މަސައްކަތުގައި މުޖުތަމަޢުގެ އެހީތެރިކަން ވަރަށް މުހިންމުކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން، ކުޑަކުއްޖެއްގެ ރައްކާތެރިކަމަށް އަސަރުކުރާނެ އެއްވެސް ކަމެއް ނުކުރުމަށާއި، އެހެން ފަރާތަކުން ކުރާ އެފަދަ ކަމެއް ހުއްޓުވުމަށް މަސައްކަތްކޮށް، ކުދިންނަށް އަމާން ރައްކާތެރި މާޙައުލެއް ހޯދައިދިނުމަށް އެންމެހާ ފަރާތްތަކުން ޢަޒުމް ކަނޑައެޅުމަށް އެ ވުޒާރާއިން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު