ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ތަންފީޒުކުރުމުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ދައުލަތުގެ މުއައްސަސާތައް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފިއެވެ.

މެންބަރު ކުޑޫ މަޖިލީހަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ގާނޫނު ތަންފީޒުކުރަން ފެށިތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، ކުޑަކުދިން ބައިތިއްބާނެ ޖުވެނައިލް ޑިޓެންޝަން ސެންޓަރުތަކާއި އިސްލާހީ މަރުކަޒުތައް ގާނޫނުގައި ބުނާ މިންގަނޑަށް އަދިވެސް ގާއިމުކުރެވިފައެއް ނުވެއެވެ. މީގެ ސަބަބުން ކުށަށް ހުށަހެޅޭ ކުދިންނަށް ބޭނުންވާ ރައްކާތެރިކަމާއި ފަރުވާ ދިނުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކުށްކުރާ ކުދިން ޖަލަށްލުމުގެ ބަދަލުގައި މުޖުތަމައުގެ ތެރޭގައި ބައިތިއްބައިގެން އިސްލާހުކުރުމަށް ހިންގަންޖެހޭ 'ޑައިވާޝަން ޕްރޮގްރާމްތައް' މުޅި ރާއްޖެއަށް ފުޅާކުރެވިފައި ނެތްކަން މެންބަރުގެ ސިޓީގައި ވަނީ ފާހަގަކުރައްވައިފައެވެ. އަދި ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ހާއްސަ ފުލުހުންނާއި، ޕްރޮސިކިއުޓަރުން އަދި ފަނޑިޔާރުން ތަމްރީނުކުރުން ލަސްވުމާއި، ޕްރޮބޭޝަން އޮފިސަރުންނާއި ސޯޝަލް ވޯކަރުންގެ އަދަދު މަދުވުމުގެ ސަބަބުން ކުދިން މޮނިޓާކުރުމަށް ދަތިތަކެއް ހުރިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މެންބަރު ކުޑޫ އިތުރަށް ވިދާޅުވީ، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 15 އަހަރަށް ބަދަލުކުރުމާ ގުޅިގެން، އެއަށްވުރެ ހަގު ކުދިން ކުރާ ކުށްތަކަށް ފިޔަވަޅު އެޅުމުގައި ގާނޫނީ އަދި އިދާރީ ހުރަސްތަކެއް އެބަހުރި ކަމަށެވެ. އަދި ކުޑަކުދިން ކުށަށް ހުށަހެޅުމުގެ އެންމެ ބޮޑު ސަބަބަކީ އެ ކުދިންގެ ނާޖައިޒު ފައިދާ ހޯދާ ބޮޑެތި މީހުން ކަމަށްވާއިރު، އެ މީހުންނާ މެދު ހަރުދަނާ ފިޔަވަޅު ނޭޅޭ ނަމަ މި މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލާގައި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ޖުވެނައިލް ކޯޓަށް އެކަށީގެންވާ ބަޖެޓާއި ވަސީލަތްތައް ނުލިބޭ މައްސަލަ ވެސް ސިޓީގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، ހޯމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ އިތުރުން ކަމާ ގުޅުންހުރި އިދާރާތައް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށް، މި ކަންކަމާ ގުޅޭގޮތުން ސުވާލުކޮށް މަޝްވަރާކޮށްދިނުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު