ލަންކާގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް
ލަންކާގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް
ސްރީލަންކާގެ ކަޑުވެލާގައި ހުންނަ އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރައެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހުން މަރުވެއްޖެއެވެ.

ފުލުހުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެނަކާއި، އޭނާގެ 30 އަހަރުގެ އަންހެނުންގެ އިތުރުން، އެ ދެމަފިރިންގެ ދެ އަހަރާއި ހަ އަހަރުގެ ދެ ކުދިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އާއިލާ ދިރިއުޅެމުން ދިޔައީ ދެބުރިއަށް ހަދާފައިވާ އެ އިމާރާތުގެ މަތީ ފަންގިފިލާގައެވެ. އަދި އަލިފާން ރޯވި އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރަ ހިންގަމުން އައީ އެ އިމާރާތުގެ ތިރީ ފަންގިފިލާގައެވެ.

މި ހާދިސާ ހިނގުމާއެކު އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ކޯއްޓޭ ފަޔާ ބްރިގޭޑުގެ ތިން އަލިފާން ނިއްވާ ލޮރީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ.

މި ހާދިސާގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު