އިސްރާއީލުގެ ޑެމޮން ޖަލުގައި ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ އަންހެނުންނަށް އަނިޔާކުރާ މައްސަލަ
އިސްރާއީލުގެ ޑެމޮން ޖަލުގައި ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ އަންހެނުންނަށް އަނިޔާކުރާ މައްސަލަ
އިސްރާއީލުގެ 'ދާމޫން' ޖަލުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ އަންހެން ގައިދީންނަށް އަމާޒުކޮށް، އެކަނބަލުންގެ އިންސާނީ ކަރާމާތާއި ދީނީ ހައްޤުތަކަށް އަރައިގަނެ، އިސްރާއީލުގެ ޖަލު ބަލަހައްޓާ ފަރާތްތަކުން ލާއިންސާނީ އަނިޔާތަކެއް ދީފި ކަމަށް 'ޕްރިޒަނާސް މީޑިއާ އޮފީސް' އިން ހާމަކޮށްފިއެވެ.

މިއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ އަނިޔާވެރި އިސްތިއުމާރުން ހިންގަމުންދާ ޖަރީމާތަކުގެ ތެރެއިން، އަންހެން ގައިދީންގެ ހައްޤުތައް ފުނޑުފުނޑުކޮށްލުމަށް ހިންގި އިތުރު ޖަރީމާއެއްގެ ގޮތުގައި އެ އޮފީހުން ވަނީ ސިފަކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، މި އަނިޔާވެރި ހާދިސާ ހިނގާފައިވަނީ ޖަލުގެ އިދާރީ ރެކޯޑުތަކަށް ބޭނުންވާ ފޮޓޯއެއް ނެގުމުގެ ތެރޭގައެވެ. މިގޮތުން ފޮޓޯ ނެގުމަށްޓަކައި ބޮލުގައި އަޅާފައިވާ ބުރުގާ ބޭލުމަށް ޖަލުގެ އޮފިސަރުން އެންގުމުން، ދީނީ ވާޖިބާއި އަމިއްލަ ޢިއްފަތްތެރިކަން ދެމެހެއްޓުމުގެ ގޮތުން އެކަނބަލުން ވަނީ އެ އަމުރަށް ކިޔަމަންވާން އިންކާރުކޮށްފައެވެ. މިކަމާ ގުޅިގެން ޖަލު ބަލަހައްޓާ އިސްރާއީލުގެ ހައްދުފަހަނައެޅި ފަރާތްތަކުން ވަނީ އެކަނބަލުންނަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދީފައެވެ.

ޕްރިޒަނާސް މީޑިއާ އޮފީހުން އިތުރަށް ތަފްސީލުކޮށްދިން ގޮތުގައި، މި ހާދިސާގެ ތެރޭގައި ޖަލު ބަލަހައްޓާ ވޯޑަންއަކު ވަނީ އަންހެން ގައިދީއެއްގެ ބުރުގާ ގަދަކަމުން ދަމައިގަނެ ބާލުވާފައެވެ. އަދި އެކަނބަލޭގެ މޫނުމަތީގައި ޖަހައި، ފޮޓޯ ނަގާ ކޮޓަރީގެ ތެރެއަށް ވަރަށް ރަހުމުކުޑަ ގޮތަކަށް ކޮއްޕާލާފައިވާ ކަމަށްވެސް އެ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާއި މުއާހަދާތަކުގައި ގައިދީންގެ ކަރާމާތާއި، އެމީހުންގެ ދީނީ އަގީދާއަށް ފުރިހަމައަށް އިހުތިރާމްކުރުމަށް ކަނޑައަޅާފައި އޮތް ނަމަވެސް، އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ ގައިދީންނާ މެދު އަމަލުކުރަމުން ދަނީ އެއްވެސް އިންސާނިއްޔަތުކަމެއް އަދި ބައިނަލްއަޤްވާމީ އުސޫލުތަކަކަށް ބެލުމެއް ނެތިކަން މި ހާދިސާއިން ވެސް އިތުރަށް ހާމަވެގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު