ކުރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ޙުސައިން
ކުރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ޙުސައިން
މިނިސްޓްރީ އޮފް ހެލްތާއި ސޯޝަލް މިނިސްޓްރީ އެއްކޮށްލުމަށް ސަރުކާރުން ނިންމި ނިންމުމާއެކު، އިޖުތިމާޢީ ދާއިރާއިން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުޅި ނިޒާމު ފެއިލްވަމުންދާކަމަށް ބުނެ ކުރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ޙުސައިން ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

އިފްހާމް މިހެން ވިދާޅުވީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ވުޒާރާތަކުގެ މަސައްކަތްތަކަށް ބަދަލު ގެނެސް މި ދެ ވުޒާރާ އެއް ކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

އިފްހާމް މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ، އިޖުތިމާޢީ ދާއިރާގެ މަސައްކަތްތައް މިހާރު ހިނގަމުންދަނީ ހަމައެކަނި ހެލްތު މިނިސްޓްރީގެ ޑިޕާޓްމެންޓެއްގެ ފެންވަރުގައި ކަމަށެވެ. މީގެ ސަބަބުން އެ ދާއިރާއަށް ދޭންޖެހޭ އަހައްމިއްޔަތުކަން ކުޑަވެ، ޚިދުމަތްތަކުގެ ފެންވަރު ދަށްވެފައިވާ ކަމުގެ ގިނަ ޝަކުވާތަކެއް ބެލެނިވެރިންގެ ފަރާތުން ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޚާއްޞަގޮތެއްގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކަންކަން ބެލެހެއްޓުމުގައި ބޮޑެތި އިހުމާލުތަކެއް ވަމުންދާކަމާއި، މުޅި ނިޒާމު ހީނަރުވެފައިވާކަން އިފްހާމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދަފްތަރުކުރުމުގެ މަސައްކަތް އިންތިހާއަށް ލަސްވަމުންދާތީ، އެފަރާތްތަކަށް ކޮންމެހެން ލިބެންޖެހޭ އަސާސީ ރައްކާތެރިކަމާއި ޚިދުމަތްތަކުން މަޙްރޫމްވަމުންދާކަމީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.



މީގެ އިތުރުން، މުޖުތަމަޢުގެ ނާޒުކު ޙާލަތްތަކުގައި ތިބޭ ފަރާތްތަކަށް ދޭންޖެހޭ މާލީ އެހީތެރިކަން ނުވަތަ އެލަވަންސްތައް ލިބުން ލަސްވުމާއި، ކޮންމެހެން ދޭންޖެހޭ އަސާސީ ޚިދުމަތްތައް ނުދެވި، މިފަދަ ކަންކަމުގައި ޒިންމާވާނެ ފަރާތެއް ނެތި މުޅި ނިޒާމު ބޮއްސުންލާފައިވާކަމަށް އިފްހާމް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު އިޖުތިމާޢީ ދާއިރާއިން ފޯރުކޮށްދޭންޖެހޭ ޙިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި މުހިންމު ކަންކަން ކަމަށްވާއިރު، މި ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ނިޒާމު ހަރުދަނާކުރުމަށް އިފްހާމް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު