މާލޭ މަސްމާރުކޭޓު-
މާލޭ މަސްމާރުކޭޓު-
މާލޭ ސިޓީ ކައުންސިލުގެ އިޚްތިޞާޞްގެ ދަށުގައިވާ 14 ބިމެއް ދައުލަތަށް ނެގުން ހުއްޓުވުމަށް އެދި އެ ކައުންސިލުން ހުށަހެޅި ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.

މަސް މާރުކޭޓާއި ސަލްޓަން ޕާކާއި ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭގެ 14 ބިމެއް ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމިކަން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އިއުލާނުކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ސަރުކާރުން މި ބިންތައް ނަގަން ނިންމީ ކައުންސިލުގެ އެއްބާރުލުން ނުލިބި، އެ ތަންތަނުގައި ހިންގަން ރޭވި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާތީ ކަމަށް ބުނެއެވެ.

ނަމަވެސް، ސަރުކާރުގެ މި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ، ކޯޓަށް ދިޔުމަށް ސިޓީ ކައުންސިލުން ނިންމީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ބޭއްވި އެ ކައުންސިލުގެ ކުއްލި ބައްދަލުވުމެއްގައެވެ. އަދި ލާމަރުކަޒީ ގާނޫނަށް މިއަހަރު ގެނައި އިސްލާހެއްގެ ދަށުން މި ބިންތައް ސަރުކާރަށް ނެގި މައްސަލާގައި، ޝަރީއަތުން ވަކި ގޮތެއް ނިމެންދެން އެ ތަންތަން އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ކައުންސިލުން އެދުނެވެ.

މި މައްސަލާގައި ސިވިލް ކޯޓުގެ ޤާޟީ މިއަދު ނިންމެވި ނިންމެވުމުގައި ވަނީ، މާލޭ ސިޓީ ކައުންސިލުން އެދިފައިވަނީ ދައުވާ ހުށަހެޅުމުގެ ކުރިން ނެރޭ ވަގުތީ އަމުރަކަށް ކަމަށް ވާއިރު، އެފަދަ އަމުރެއް ނެރެދެވޭނީ ކޮންމެހެން ވަގުތުން ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލަތަކުގައި އެކަނި ކަމަށެވެ. އަދި ސިޓީ ކައުންސިލުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު އެފަދަ ޝަރުތެއް މި މައްސަލާގައި ފުރިހަމަވާކަން އެނގެން ނެތުމުން، އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ނިންމުމުގައި ކަނޑައަޅުއްވާފައިވެއެވެ.

ސަރުކާރުން އަނބުރާ ނެގުމަށް ނިންމާފައިވާ 14 ބިމުގެ ތެރޭގައި ހިމެނެނީ ސަލްޓަން ޕާކާއި، ގައުމީ ދާރުލްއާސާރު، މަސް މާރުކޭޓާއި އެ ސަރަހައްދުން ހިއްކާފައިވާ ބައި އަދި ލޯކަލް މާރުކޭޓު، ސިޓީ ކައުންސިލްގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން، ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް އިމާރާތް، ކާނިވާ ސަރަހައްދު، އާޓިފިޝަލް ބީޗާއި، މަސްވެރިންގެ މައިޒާން، ތައިސޭ ކޮއްޓާއި، ކުލީ ފާޚާނާ ނަންބަރު 2، ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ ބިމާއި، ބޮނޑިބަތް ޕާކާއި ރަސްފަންނު ހިމެނޭ ސަރަޙައްދެވެ.

ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމުގައި، އެ ތަނެއް ކައުންސިލުގެ އިޚްތިޞާޞުން ވަކިކޮށް ސަރުކާރުގެ ދަށަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. ނަމަވެސް، މި ބަދަލާ ގުޅިގެން ކައުންސިލްތަކުގެ ބާރު ކެނޑިގެންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި އެކި ކައުންސިލްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު