ދުބާއީގައި މިހާރު ހިންގަމުންދާ އެންމެ ބިޔަ އެއް މަޝްރޫޢު ކަމަށްވާ 35 ބިލިއަން އެމެރިކާ ޑޮލަރުގެ އަލް މަޚްތޫމް އިންޓަނޭޝަނަލް އެއަރޕޯޓް
ދުބާއީގައި މިހާރު ހިންގަމުންދާ އެންމެ ބިޔަ އެއް މަޝްރޫޢު ކަމަށްވާ 35 ބިލިއަން އެމެރިކާ ޑޮލަރުގެ އަލް މަޚްތޫމް އިންޓަނޭޝަނަލް އެއަރޕޯޓް
ދުބާއީގައި މިހާރު ކުރިއަށްދާ އެންމެ ބިޔަ އުމްރާނީ މަޝްރޫޢު ކަމަށްވާ، 35 ބިލިއަން އެމެރިކާ ޑޮލަރުގެ އަލް މަޚްތޫމް އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތުގެ ސައިޓުގައި އެއްލައްކައަށްވުރެ ގިނަ މުވައްޒަފުން މިހާރުވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެ މަޝްރޫޢުގެ އިސްވެރިން ހާމަކުރައްވައިފިއެވެ.

މިއީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައިވެސް މިހާތަނަށް ހިންގޭ އެންމެ އަގުބޮޑު އަދި އެންމެ ފުޅާ އެއް މަޝްރޫޢެވެ.

ދުބާއީ ވޯލްޑް ސެންޓަރ (ޑީ.ޑަބްލިޔު.ސީ) ގައި ތަރައްޤީކުރާ މި އެއަރޕޯޓުގެ މަސައްކަތް އެއްކޮށް ނިމުމުން، އެތަން ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު ވައިގެ ބަނދަރަށެވެ. އަދި އަހަރަކު 260 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން އެ އެއަރޕޯޓަށް ލިބިގެންދާނެއެވެ. މިއީ މިހާރު ބޭނުންކުރަމުން އަންނަ ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓް (ޑީ.އެކްސް.ބީ) އަށްވުރެ ގާތްގަނޑަކަށް ފަސް ގުނަ ބޮޑު ޖާގައެކެވެ.

ދުބާއީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި މިހާރުގެ އެއަރޕޯޓުގެ ހުރިހާ އޮޕަރޭޝަންތަކެއް މި އައު އެއަރޕޯޓަށް އެއްކޮށް ބަދަލުކުރުމަށް ވަނީ އަމާޒުހިފާފައެވެ.

ފަސް ޕެރެލަލް ރަންވޭއާއި 400 އަށްވުރެ ގިނަ އެއަރކްރާފްޓް ގޭޓް ހިމެނޭ ގޮތަށް ޒަމާނީ ފެންވަރަށް ފަރުމާކޮށްފައިވާ މި އެއަރޕޯޓުގެ މަސައްކަތްތައް ކުރިއަށްދަނީ ވަރަށް ބާރު ސްޕީޑެއްގައެވެ.

ދުބާއީ އޭވިއޭޝަން އިންޖިނިއަރިންގ ޕްރޮޖެކްޓްސްގެ ސީއީއޯ ސުޒޭން އަލް އަނާނީ ވިދާޅުވީ، ސައިޓުގައި އެއްފަހަރާ އެއްލައްކައަށްވުރެ ގިނަ މީހުން ރެޔާއި ދުވާލު މަސައްކަތްކުރަމުން ދިއުމަކީ، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަޝްރޫޢު ނިންމުމަށް ދުބާއީ ސަރުކާރުން ދޭ ޚާއްޞަ އަހައްމިއްޔަތުކަން ހާމަކޮށްދޭ ހެއްކެއް ކަމަށެވެ.

'ދުބާއީ ސައުތު' ސަރަޙައްދުގައި ތަރައްޤީކުރާ މި އެއަރޕޯޓާއެކު، އެ ސަރަޙައްދު ބަދަލުވެގެންދާނީ ދުނިޔޭގެ ލޮޖިސްޓިކްސްއާއި ވިޔަފާރީގެ މައި މަރުކަޒަކަށެވެ. މި ބިޔަ "އެއަރޕޯޓް ސިޓީ" ގެ ސަބަބުން އެތައް ލައްކަ އައު ވަޒީފާއެއް އުފެދި، ދުބާއީގެ އިޤްތިޞާދަށް އިންގިލާބީ ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

އަދި މިއީ ބައިނަލްއަޤްވާމީ ވިޔަފާރިއާއި ފަތުރުވެރިކަމުގެ އެންމެ ކުރީ ސަފުގައި ދުބާއީގެ ނަން ދެމެހެއްޓުމަށާއި، ކުރިމަގުގެ ޖީލުތަކަށް އެ ޤައުމުގެ އިޤްތިޞާދު ހަރުދަނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ.



ކިޔުންތެރިންގެ ހިޔާލު