ފިނޭންސް މިނިސްޓްރީ-
ފިނޭންސް މިނިސްޓްރީ-
މިއަހަރުގެ އޮކްޓޫބަރު 22 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 33.36 ބިލިއަން ރުފިޔާއަށް އަރައި، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 31.60 ބިލިއަން ރުފިޔާއެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.8 އިންސައްތަ އިތުރުވުމެވެ. އެގޮތުން ވޭތުވެދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 23.44 ބިލިއަން ރުފިޔާ ލިބުނުއިރު، މިއަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 25.73 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ.

މީގެ ތެރެއިންވެސް އެންމެ ބޮޑު ހިއްސާއެއް އަދާކުރި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ގެ ގޮތުގައި 8.87 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 5.7 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 1.78 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު، ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.8 އިންސައްތަ އިތުރުވެ، 5.97 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.82 ބިލިއަން ރުފިޔާ ލިބުނުއިރު، އާންމު ޖީ.އެސް.ޓީގެ ގޮތުގައި 4.46 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓުތަކުގެ ކުއްޔާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް ކުރިއެރުން ލިބުނު ނަމަވެސް، ޖުމްލަގޮތެއްގައި ޓެކްސް ނޫން އާމްދަނީ ވަނީ 9.5 އިންސައްތަ ދަށްވެފައެވެ.

ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 17.0 އިންސައްތަ އިތުރުވެ، 37.21 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި 32.00 ބިލިއަން ރުފިޔާ ހިމެނޭއިރު، ތަރައްޤީގެ މަޝްރޫޢުތަކަށް ކުރި ކެޕިޓަލް ޚަރަދު ވަނީ 5.21 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ކައުންސިލްތަކަށް ދޫކުރި ގްރާންޓް 15.9 އިންސައްތަ އިތުރުވެ، 2.08 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބިން ހިއްކުމާއި ބިން ބެލެހެއްޓުމުގެ މަޝްރޫޢުތަކަށް ކުރި ޚަރަދު ވަނީ 89.7 އިންސައްތަ މައްޗަށް ގޮސްފައެވެ. މީގެއިތުރުން އިމާރާތްތަކާއި ބިމަށް 1.69 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގަށް ކުރަންޖެހުނު ހޭދަ ބޮޑުވުމުގެ ސަބަބުން ސަބްސިޑީއަށް ކުރި ޚަރަދު 58.6 އިންސައްތަ އިތުރުވެ 4.31 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދަ ޚަރަދު ވަނީ 1.94 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި މުސާރަ އާއި ޕެންޝަނަށް 12.05 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.

މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 0.27 ބިލިއަން ރުފިޔާ ރެކޯޑުކުރެވިފައިވީ ނަމަވެސް، ޚަރަދުތައް އިތުރުވުމުގެ ސަބަބުން ޖުމްލަ ފިސްކަލް ބެލެންސް ހުރީ 3.85 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް