ކަސްޓަމްސް-
ކަސްޓަމްސް-
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފިސްކަލް މެންޑޭޓް އަންނަ އަހަރު މިނިސްޓްރީ އޮފް ފިނޭންސްގެ ދަށަށް ބަދަލު ކުރުމަށް ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ތަފުސީލު ހާމަކުރައްވަމުން ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރެވެ.

މިނިސްޓަރު ޒަރީރު ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށާއި، އެ ސިޔާސަތުތަކަށް އަމަލުކުރާ މިންވަރު އިތުރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ހަލުވިކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން، މޯލްޑިވްސް ކަސްޓަމްސްގެ ފިސްކަލް މެންޑޭޓް ފިނޭންސް މިނިސްޓްރީން ބެލެހެއްޓުމަށް ބަދަލުކުރުމަށް ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ހުށަހަޅާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކަސްޓަމްސްއަކީ ދައުލަތަށް ބޮޑު އާމްދަނީއެއް ހޯދައިދޭ މުއައްސަސާއަކަށް ވާއިރު، އެ އިދާރާއިން ނަގަން ހަވާލުވެފައިވާ ފައިސާގެ ތެރޭގައި އިމްޕޯޓް ޑިއުޓީއާއި، ބޯޑަރުން ނަގާ ޖީއެސްޓީގެ އިތުރުން ތަފާތު އެކި ފީތައް ހިމެނެއެވެ.

ކަސްޓަމްސްގެ ފިސްކަލް މެންޑޭޓް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން މި ނިންމީ، އެ އިދާރާއަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރި މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، އޮޑިޓަ ޖެނެރަލްގެ އޮފީހުން ދާދި ފަހުން ނެރެފައިވާ ކަސްޓަމްސްގެ 2023 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ނިޔަލަށް ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 461 މިލިއަން ރުފިޔާ އަދިވެސް ލިބިފައެއް ނުވެއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ މެއި މަހާ ހަމައަށް އެ އަދަދުގެ ތެރެއިން ލިބިފައިވަނީ އެންމެ 10،164،272 (ދިހަ މިލިއަން އެއްލައްކަ ފަސްދޮޅަސް ހަތަރު ހާސް ދުއިސައްތަ ހަތްދިހަ ދޭއް) ރުފިޔާއެވެ. މީގެއިތުރުން، ނުލިބި ހުރި ފައިސާގެ ތެރެއިން 162.9 މިލިއަން ރުފިޔާއަކީ އެ ފައިސާ ދެއްކުމަށް ކޯޓުތަކުން ހުކުމްކޮށް، ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ހުރި ފައިސާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ދައުލަތަށް ނުލިބިވާ މި ފައިސާގެ ތަފުސީލަށް ބަލާއިރު، އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ ފައިސާއެވެ. އެއީ 435.8 މިލިއަން ރުފިޔާއެވެ. ދެން ހިމެނެނީ:

ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 21.1 މިލިއަން ރުފިޔާ

ރެވެނިއު ފީގެ ގޮތުގައި ލިބެންޖެހޭ 1.9 މިލިއަން ރުފިޔާ

ރޯޔަލްޓީގެ ގޮތުގައި ލިބެންޖެހޭ 1.9 މިލިއަން ރުފިޔާ

ބޮންޑް ފީއާއި ޕްރޮސެސިން ފީ ފަދަ އެހެނިހެން ފީތަކުގެ ގޮތުގައި ލިބެންޖެހޭ 92،203 ރުފިޔާއެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ކަސްޓަމްސްގެ ފިސްކަލް ސިޔާސަތުތައް ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސް، ދައުލަތަށް ލިބެންޖެހޭ މިފަދަ އާމްދަނީތައް ފުރިހަމައަށް ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ހަލުވި ކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް