ބައި-އިލެކްޝަންގެ ވޯޓުލުން ފޯރިއާއެކު ކުރިއަށް
ބައި-އިލެކްޝަންގެ ވޯޓުލުން ފޯރިއާއެކު ކުރިއަށް
މި މަހުގެ 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގައި، މާލެއާއި އަތޮޅުތައް ހިމެނޭހެން ޖުމްލަ 10 ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

މިއީ އެކި ސަބަބުތަކާހުރެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ހަތަރު ދާއިރާއެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނެކެވެ.

މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ވ. ތިނަދޫ ކައުންސިލްގެ ރައީސް އަދި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށާއި، ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމުގެ އިތުރުން ސ. ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށެވެ.

މީގެއިތުރުން، ނ. ކުޑަފަރި އަންހެނުންގެ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓަކު ކަމަށްވާތީ، ވޯޓުލުމަކާ ނުލައި އެ ގޮނޑި ވަނީ އެ ކެންޑިޑޭޓަށް ކާމިޔާބުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އިންތިޚާބަށް މާލޭގައި ފަސް ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަތޮޅުތަކުގެ ތެރެއިން ހުޅުދޫގައި ތިން ފޮށި، ވަށަފަރުގައި އެއް ފޮށި އަދި ވ. ތިނަދޫގައި އެއް ފޮށި ބަހައްޓާނެއެވެ. މާލޭގައި ވޯޓުފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލާއި ހުޅުމާލެ ސީއެޗްއެސްއީގައެވެ. އަތޮޅުތަކުގައި ވޯޓުލުން ކުރިއަށްދާނީ ހުޅުދޫ ކޮމިއުނިޓީ ސެންޓަރުގެ އިތުރުން ވަށަފަރާއި ވ. ތިނަދޫގެ ސްކޫލުގައެވެ.

މި އިންތިޚާބުގައި ވާދަކުރާ ކޮންމެ ދާއިރާއަކުން ދެ ކެންޑިޑޭޓުން ވާދަކުރާއިރު، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 3،776 މީހަކަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހުޅުދޫން 2،903 މީހުންނާއި، ވަށަފަރުން 688 މީހުންގެ އިތުރުން ވ. ތިނަދޫން 185 މީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދޭ ގޮތުގައި މި މަހުގެ 28 ވާ ހޮނިހިރު ދުވަހު ބާއްވާ މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް