މާލީ ވަޒީރު ޙަސަން ޒަރީރު
މާލީ ވަޒީރު ޙަސަން ޒަރީރު
މި ހިނގާ 2026 ވަނަ އަހަރު ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ޖުމްލަ 11.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މާލީ ވަޒީރު ވިދާޅުވީ، މިއަހަރަކީ ރާއްޖޭގެ މާލީ ތާރީޚުގައި ވެސް ދަރަނި އަނބުރާ ދެއްކުމަށް އެންމެ ބޮޑު ހޭދައެއް ކުރި ތާރީޚީ އަހަރު ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެކަނިވެސް ދަރަނީގެ ގޮތުގައި 10.4 ބިލިއަން ރުފިޔާ ދައްކައި ޚަލާސްކޮށްފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.

ފާއިތުވި ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކަންޖެހުނު ދަނޑިވަޅުގައި، މި ސަރުކާރުން އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ފާހަގަކުރައްވައި ޒަރީރު ވިދާޅުވީ، މި ބޮޑު ޢަދަދު ދައްކާފައިވަނީ އިތުރު ދަރަންޏަކަށް މަގުފަހިނުކޮށް، ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ރައްކާތެރިކުރަމުން ކަމަށެވެ.

މީގެއިތުރުން، މިއަހަރުގެ ބޮޑު ދަރަނި ދައްކައި ނިމުމުން، ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތުން ދަރަންޏަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން 2027 ވަނަ އަހަރު ދަރަނި ދެއްކުމަށް ހޭދަވާނީ 4.5 ބިލިއަން ރުފިޔާ ކަމަށް އަންދާޒާކުރެވޭއިރު، މިއީ އަންނަން އޮތް ޖީލުތަކަށް ދަރަނީގެ ބުރަ ކުޑަކޮށްދިނުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ދަރަނިތައް ދެއްކުމުގައި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިތުބާރު އަލުން ހޯދިފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ރޭޓިންގ އެޖެންސީތަކުން ރާއްޖެއަށް ދީފައިވާ މާލީ ރޭޓިންގ މަތިކޮށްފައިވާކަން ފާހަގަކުރައްވައި، މިއީ ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީޚުގައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ދަރަނި ދެއްކި އަހަރަށް މިއަހަރު ވެގެންގޮސްފައިވާއިރު، މީގެ ތެރޭގައި މިއަހަރުގެ އެޕްރީލް މަހުގެ ދެވަނަ ދުވަހު ދެއްކި 524 މިލިއަން ޑޮލަރުގެ ސުކޫކާއި، އެޕްރީލް 23 ގައި އިންޑިއާއަށް އަނބުރާ ދެއްކި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާ ހިމެނެއެވެ. އަދި އެންމެ ފަހުން ދައްކާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ.



ކިޔުންތެރިންގެ ހިޔާލު