މާލޭގެ މަގެއް ބާރުބޮޑުވެފައި. ފޮޓޯ: ސަން
މާލޭގެ މަގެއް ބާރުބޮޑުވެފައި. ފޮޓޯ: ސަން
މާލެ ސަރަޙައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން، ވަކި ގަޑިތަކެއްގައި ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ވިދާޅުވެފައިވަނީ، މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ޚާއްޞަކޮށް ސްކޫލްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މަގުތަކުގައި އަމާންކަމާއެކު ދަތުރުފަތުރު ކުރެވޭނެ މާޙައުލެއް ޤާއިމުކޮށްދިނުން ކަމަށެވެ.

އެ ވުޒާރާއިން ކަނޑައަޅާފައިވާ ގޮތުގައި މުދާ އުފުލާ ބައެއް އުޅަނދުތައް ދުއްވުން މަނާ ގަޑިތަކަކީ:

ހެނދުނު 06:00 އިން ހެނދުނު 08:30 އަށް

ހެނދުނު 11:30 އިން މެންދުރުފަހު 01:30 އަށް

މި ގަޑިތަކުގައި ދުއްވުން މަނާ އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި، ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލަރ ފަދަ ބަރު އުޅަނދުފަހަރެވެ. މި އުޅަނދުތައް މަތީގައި ބަޔާންކުރެވުނު ގަޑިތަކުގައި ދުއްވުން މަނާވާނީ ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން ހުރިހާ މަގުތަކާއި، ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބްރިޖާއި ހައިވޭގައެވެ.

މީގެއިތުރުން، ސްކޫލް އޮންނަ ދުވަސްތަކުގައި ސްކޫލްތައް ޢާއްމުކޮށް ފެށޭ ގަޑިތަކުގައްޔާއި ނިމޭ ގަޑިތަކުގައި، ސްކޫލްތައް ހުންނަ ސަރަޙައްދުތަކުގައި މިފަދަ އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމާއި މުދާ އުފުލުމަކީ މަނާކަމެއް ކަމަށްވެސް އެ އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ބަރު އުޅަނދު ދުއްވާ ހުރިހާ ފަރާތްތަކުންވެސް މި ނިންމުމަށް އިޙްތިރާމްކޮށް، ކަނޑައެޅިފައިވާ ވަގުތުތަކަށް ޢަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް އެ ވުޒާރާއިން ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު