ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ދިވެހިރާއްޖޭގެ ކޮންމެ އަންހެން ކުއްޖަކީވެސް ރައްކާތެރިކަމާއި، ލޯތްބާއި އަޅާލުމުގެ ތެރެއިން ބާރުވެރި ފަރުދެއްގެ ގޮތުގައި މުޖުތަމައަށް ނުކުންނަ ކުއްޖަކަށް ހެދުމަށްޓަކައި އެންމެހައި ފަރާތްތަކުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޑރ. ގީލާ އަލީ މިއަދު ގޮވާލައްވައިފިއެވެ.

ވަޒީރު މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހައި އަންހެން ދަރިންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ހާއްސަ މެސެޖުގައެވެ.

ވަޒީރު ގީލާގެ މެސެޖުގައި ވިދާޅުވީ، ދިރިއުޅުމުގެ އެކި މައިދާންތަކުގައި ކުރިމަތިވާ އެކިއެކި ގޮންޖެހުންތައް ކުޑަކުއްޖަކު ގިރާކޮށް، ތައުލީމީ ރޮނގުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިންނާއި، ކުޅިވަރާއި ވިޔަފާރީގެ ދާއިރާއިން ދިވެހި އަންހެން ކުދިން ހޯދަމުން އަންނަ މަތިވެރި ކާމިޔާބީތަކަކީ މުޅި ގައުމުވެސް ފަހުރުވެރިވާ ފަދަ ކަންކަން ކަމަށެވެ. އަދި އެ ކުދިންގެ ކިބައިގައިވާ ސާބިތުކަމާއި، ކެތްތެރިކަމުގެ އިތުރުން ވަރުގަދަ އަޒުމަކީ މުޅި ގައުމަށްވެސް ލިބިގެންދާ މަތިވެރި ހިތްވަރެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މީގެއިތުރުން، އަންހެން ކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވަމުން ވަޒީރު ވިދާޅުވީ، "ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި އެފަދަ ކަންކަމަށް އިޖާބަދިނުމުގެ ގައުމީ އެކްޝަން ޕްލޭން" ފުރިހަމައަށް ތަންފީޒުކުރުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ. އަދި ކޮންމެ ކުއްޖަކަށްވެސް އަމާން، ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ތަސައްވުރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވަމުން ވަނީ، އަންހެން ކުދިންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދީ، އެކުދިންގެ ފުރިހަމަ ގާބިލުކަމާއި ހުނަރުވެރިކަން އެންމެ މަތީ ދަރަޖައަށް ފާޅުކުރެވޭނޭ ފަދަ އޯގާތެރި، އިންސާފުވެރި މާހައުލެއް ގާއިމުކުރުމަށްޓަކައި އެންމެހައި ރައްޔިތުން އަތުގުޅާލައިގެން އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް