އިންސާނާއަށް ތެދު ގަބޫލުކުރަން އުދަގޫވަނީ އޭނާގައި ހުރި ނަފްސާނީ މައްސަލައެއްގެ ސަބަބުންނެވެ.
އިންސާނާއަށް ތެދު ގަބޫލުކުރަން އުދަގޫވަނީ އޭނާގައި ހުރި ނަފްސާނީ މައްސަލައެއްގެ ސަބަބުންނެވެ.
ނަފުސާނީ އެކި މައްސަލަތަކާ ގުޅިގެން އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން ތަޢާރަފުކުރި ޚާއްޞަ ހެލްޕްލައިނަށް، މިހާތަނަށް 23،000 އަށް ވުރެ ގިނަ ފަރާތުން ގުޅައި ޚިދުމަތް ހޯދާފައިވާ ކަމަށް ސިއްޙަތާއި އާއިލީ އަދި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ދުނިޔޭގެ ނަފުސާނީ ސިއްޙަތުގެ ދުވަހާ ގުޅިގެން އެ ވުޒާރާއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ދިވެހި މުޖުތަމަޢުގައި ނަފުސާނީ ދުޅަހެޔޮކަމަކީ މިހާރު ބޮޑު ކަންބޮޑުވުމެއް އޮތް ދާއިރާއަކަށް ވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ މި ދާއިރާގެ ފަރުވާގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށް ޚާއްޞަ އިސްކަމެއް ދެމުންނެވެ. އެގޮތުން، މި އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފެށި "1677" ހެލްޕްލައިނަކީ ނަފުސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ރައްޔިތުންނާއި ސަރުކާރާ ދެމެދު އެޅުނު އިތުބާރު ހުރި މުހިންމު ފާލަމެއްގެ ގޮތުގައި އެ ވުޒާރާއިން ވަނީ ސިފަކޮށްފައެވެ.

ނަފުސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ބޭއްވި "ކޮމިއުނިޓީ ކަލަރ ރަން" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ސިއްޙަތާއި އާއިލީ އަދި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވީ، ނަފުސާނީ ގޮންޖެހުންތައް ތަޙައްމަލުކުރަމުންދާ ކޮންމެ މީހަކަށްވެސް ލޯތްބާއި، އޯގާތެރިކަމުގެ އިތުރުން ރައްކާތެރި މާހައުލެއް ހޯދައިދޭންޖެހޭ ކަމަށެވެ. އަދި އެކަކު އަނެކަކަށް އަޅާލައި، އެހީތެރިކަން ފޯރުކޮށްދޭ މުޖުތަމަޢެއް ބިނާކުރުމަކީ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ އަދި ދީނީ ޒިންމާއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ނަފުސާނީ ސިއްޙަތުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރު ކަމަށްވާ "ތަޖުރިބާގެ އަޑުކަނުލާ އެހުން: ހަޤީޤީ އަޑު، ހަޤީޤީ ބަދަލު" މި ޝިޢާރަށް އަލިއަޅުއްވާލައްވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ހަމައެކަނި ކަރުދާހުގައި ލިޔެވިފައި އޮންނަ ސިޔާސަތުތަކަކުން ނިންމާލެވެން އޮތް ކަމެއް ނޫން ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ކޮންމެ އިންސާނަކީވެސް މިފަދަ ތަފާތު ތަޖުރިބާތަކެއް ކުރަންޖެހިދާނެ މީހެކެވެ. އެހެންކަމުން، ހިތާމައާއި އެކަނިވެރިކަމުގައި މިފަދަ އުނދަގޫ ހާލަތްތައް ވޭތުކުރަމުންދާ ފަރާތްތަކުގެ އަޑު ކަނުލައި އަހައި، އެމީހުންގެ އިޙްސާސްތައް ދެނެގަނެގެން މެނުވީ އެދެވޭ ޙަޤީޤީ ހައްލެއް އަދި އެހީތެރިކަމެއް ފޯރުކޮށްނުދެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނަފުސާނީ ބަލިތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރުވައި، ލަދުވެތިކަމެއް ނެތި ފަސޭހައިން ފަރުވާއާއި އެހީތެރިކަން ލިބޭނެ މަގު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ފަހިކޮށްދިނުމަށެވެ.



ކިޔުންތެރިންގެ ހިޔާލު