ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް
ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް
ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން 290 މައްސަލައެއްގައި ކޯޓުތަކަށް ދައުވާ ހުށަހަޅައި، ޝަރީއަތުގެ 1192 އަޑުއެހުމަކަށް އެ އޮފީހުގެ ވަކީލުން ހާޒިރުވެއްޖެއެވެ.

ޕީޖީ އޮފީހުން އާންމުކޮށްފައިވާ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކޮށް އަވަސް ފުރުސަތެއްގައި އިންސާފު ގާއިމުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ވޭތުވެދިޔަ މަހު ތަހުގީގީ އިދާރާތަކުން ޖުމްލަ 256 މައްސަލައެއް އެ އޮފީހަށް ވަނީ ބަލައިގެންފައެވެ.

މީގެ އިތުރުން، ކުށްތައް ތަހުގީގުކުރުމުގައި ފުލުހުންނާއި އެހެނިހެން ތަހުގީގީ އިދާރާތަކަށް ގާނޫނީ ގޮތުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ވޭތުވެދިޔަ މަހު އެކަނިވެސް 678 ކަމެއްގައި ތަހުގީގީ އިދާރާތަކަށް ޕީޖީ އޮފީހުން ވަނީ ގާނޫނީ ލަފާ ދީފައެވެ.

ހަމައެއާއެކު، ސެޕްޓެމްބަރު މަހުގެ ތެރޭގައި އެކި ބާވަތުގެ ކުށްތަކާ ގުޅިގެން ޝަރީއަތަށް ފޮނުވި މައްސަލަތަކުގެ އަދަދު 290 އަށް އަރައެވެ. އަދި ޝަރުއީ ކޯޓުތަކުގައި ކުރިއަށްދިޔަ އަޑުއެހުންތަކުގެ ތެރެއިން 1192 އަޑުއެހުމަކަށް ޕީޖީ އޮފީހުގެ ވަކީލުން ވަނީ ހާޒިރުވެ ވަކާލާތުކޮށްފައެވެ. މީގެ ތެރޭގައި މާލޭގެ ކޯޓުތަކުގެ އިތުރުން އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކާއި މަތީ މަރުހަލާގެ ކޯޓުތަކުގައި ކުރިއަށްދިޔަ ޝަރީއަތްތައް ހިމެނެއެވެ.

ޕީޖީ އޮފީހުން މަސައްކަތް ކުރަމުން ދަނީ ގާނޫނުއަސާސީން ލާޒިމުކުރާ ގޮތުގެ މަތިން ވަކިފަރާތަކަށް ޖެހުމެއްނެތި، ނަޒާހަތްތެރިކަމާއެކު ދައުވާ އުފުލައި، އަނިޔާ ލިބޭ ފަރާތްތަކަށް އަވަހަށް އިންސާފު ހޯދައިދިނުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް