ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯސް ނިންމި ދަރިވަރުން ދަސްވެނިވުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯސް ނިންމި ދަރިވަރުން ދަސްވެނިވުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ދާއިރާއިން ފުރިހަމަ ޤާބިލު މުދައްރިސުން ބިނާކުރުމަށް ކުރިއަށްގެންދިޔަ ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކުރި 113 ދަރިވަރަކު ރަސްމީކޮށް ދަސްވެނިވެއްޖެއެވެ.

މި ދަރިވަރުންގެ ތަޢުލީމީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުން އަންނަ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވި ޚާއްޞަ ދަސްވެނިވުމުގެ ޖަލްސާ އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، ޤުރްއާނުގެ ތަޢުލީމީ ދާއިރާއިން ދަރިވަރުން ހޯދި ޢިލްމީ މަތީ ކާމިޔާބީތަކުގެ އަގުވަޒަންކުރައްވައި ދަރިވަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ފަހަރުގެ ދަސްވެނިވުމުގައި ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ހާސިލުކޮށްފައިވަނީ 64 ދަރިވަރުންނެވެ. އަދި ޑިޕްލޮމާ ކޯސް ފުރިހަމަކޮށް ސަނަދު ހާސިލުކުރީ 49 ދަރިވަރުންނެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ތަޢުލީމު ފުޅާކުރުމަށާއި، ތަމްރީނު ލިބިފައިވާ ފެންވަރު ރަނގަޅު ޤުރްއާން މުދައްރިސުން އުފެއްދުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.

ޖަލްސާގައި ޑިޕްލޮމާ ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛް ޢަބްދުލްޣަފޫރު އަޙްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، އަލްއުސްތާޛް ޢަބްދުﷲ ސަޢުދާނެވެ.

މީގެއިތުރުން، ޑިގްރީ ކޯސް ކާމިޔާބުކަމާއެކު ނިންމި ދަރިވަރުންނަށް ސަނަދު ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، ޑރ. މުޙައްމަދު ޝުޖާއު ޢަބްދުލްހަކީމާއި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ، ކުރިއަށް އޮތް ޖީލުތަކަށް ޞައްޙަ ޤުރްއާނީ ޢިލްމު އުނގަންނައިދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް