ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު
ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު
ވަރުގަދަ އަދި ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އަންހެން ކުދިންގެ އަޑާއި، އެކުދިންގެ ހުނަރާއި އިސްނެގުން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މެޑަމް ސާޖިދާގެ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ އިތުރުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެން ކުދިންގެ ކިބައިގައިވާ ބާރާއި، އުންމީދާއި، ޤާބިލުކަން ފާހަގަކޮށް، އެކަންކަމުގެ އަގުވަޒަންކުރަންޖެހޭ ކަމަށެވެ. އަދި އަންހެން ކުދިންނަކީ މުސްތަޤްބަލުގެ ލީޑަރުން ކަމަށާއި، އެކުދިންނަކީ އައު އީޖާދުތައް އުފައްދައި، މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭ މުހިންމު ބައެއްކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އަންހެން ކުދިން ބާރުވެރިކުރުވުމަކީ ހަމައެކަނި އެކުދިންގެ އަމިއްލަ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލެއް ނޫންކަން ފާހަގަކުރައްވަމުން، އެކަމަނާ ވިދާޅުވީ އަންހެން ކުދިންގެ ކުރިއެރުމާ ގުޅިފައިވަނީ މުޅި ޤައުމުގެ މުސްތަޤްބަލު ކަމަށެވެ.

މީގެއިތުރުން، ތަޢުލީމީ ދާއިރާއާއި، ޢާންމު ޚިދުމަތްތަކުގެ އިތުރުން ވިޔަފާރިއާއި ކުޅިވަރުގެ ދާއިރާއިން ވެސް ރާއްޖޭގެ އަންހެން ކުދިންނާއި ޒުވާން އަންހެނުން ފާހަގަކޮށްލެވޭ ފަދަ މަތީ ކާމިޔާބީތަކެއް ހޯދަމުންދާކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި މުޖުތަމަޢުގެ އިސް ސަފުގައި އެކުދިން އަދާކުރަމުންދާ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކަކީ، ވަރުގަދަ އަދި ދެމެހެއްޓެނިވި ޤައުމެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް ކަމަށް ވެސް ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހުގެ މައިގަނޑު މަޤްޞަދަކީ އަންހެން ކުދިންގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށްދީ، އެކުދިންނަށް ދިމާވާ ގޮންޖެހުންތަކާއި ތަފާތުކުރުންތައް ނައްތާލުމެވެ. އަދި ފުރިހަމަ ތަޢުލީމާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދީ، އަނިޔާއިން ސަލާމަތްވެފައިވާ އަމާން މާޙައުލެއްގައި އެކުދިން ބާރުވެރިކުރުވުމަކީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ މުހިންމު ބޭނުމެކެވެ.



ކިޔުންތެރިންގެ ހިޔާލު