މާލޭގެ ފިހާރަ އެއް. ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ވިޔަފާރިކުރުން މަނާކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ޓްރޭޑް ވެސް ހިމެނޭ
މާލޭގެ ފިހާރަ އެއް. ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ވިޔަފާރިކުރުން މަނާކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ޓްރޭޑް ވެސް ހިމެނޭ
ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ވިޔަފާރިކުރުން މަނާކޮށްފައިވާ ދާއިރާތަކުގައި މިހާރު ހަރަކާތްތެރިވަމުންދާ ބޭރުގެ ކުންފުނިތަކުން އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރިން އެ ވިޔަފާރިތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އަންގައިފިއެވެ.

މީގެ އިތުރުން މި އުސޫލުތަކަށް އަމަލުކުރުމަށްޓަކައި މުއާމަލާތްކުރަން ބޭނުންވެ، ގުޅޭގޮތް ނުވެފައިވާ ބޭރުގެ 8 ކުންފުންޏެއް ހޯދުމަށް ވެސް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، 3 ސެޕްޓެންބަރު 2024 ގައި ތަސްދީގުކުރެވުނު އައު ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން، ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްކުރެވޭނެ އަދި ނުކުރެވޭނެ ދާއިރާތައް ކަނޑައަޅައި 8 އޮކްޓޯބަރު 2025 ގައި އައު އުސޫލެއް އިއުލާނުކޮށްފައިވާ ކަމަށެވެ. އެ އިއުލާނާ ގުޅިގެން ހަމައެކަނި ދިވެހިންނަށް ހާއްސަކުރެވި، ބޭރުގެ ފަރާތްތަކަށް ބަންދުކުރެވިފައިވާ ދާއިރާތަކުގައި ކުރިން ދޫކޮށްފައިވާ ހުއްދަތަކުގެ ދަށުން ހިންގަމުންދާ ވިޔަފާރިތަކުން، 8 އޮކްޓޯބަރު 2026 ގެ ނިޔަލަށް އެ ވިޔަފާރިތަކުން މުޅިން ވަކިވެ، ހުއްޓާލަން ޖެހޭނެއެވެ.

މިގޮތުން ބޭރުގެ ފަރާތްތަކަށް މަނާކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ އިތުރުން، ކާގޯ ސޭލްސް އޭޖެންޓް (ސީ.އެސް.އޭ)، ޖެނެރަލް ސޭލްސް އޭޖެންޓް (ޖީ.އެސް.އޭ) އަދި ޕަސެންޖަރ ސޭލްސް އޭޖެންޓް (ޕީ.އެސް.އޭ) ގެ ހިދުމަތްތައް ހިމެނެއެވެ. މިނިސްޓްރީން ވަނީ މި ދާއިރާތަކުގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އައު އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހަނދާންކޮށްދީފައެވެ.

އައު އުސޫލުތަކަށް ފެތުމަށްޓަކައި ވިޔަފާރިތަކަށް ބޭނުންވާ އިންތިގާލީ އިންތިޒާމުތައް ހަމަޖެއްސުމަށް އިކޮނޮމިކް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރެކޯޑުތަކުގައިވާ މައުލޫމާތުތަކަށް ބަލައި ގުޅަން ކުރި މަސައްކަތުން ބައެއް ކުންފުނިތަކާ ގުޅޭގޮތް ވަނީ ނުވެފައެވެ. މިގޮތުން ގުޅޭގޮތް ނުވި ކުންފުނިތަކަކީ މެގަ ސްޕީޑްލައިނަރސް ޕްރައިވެޓް ލިމިޓެޑް، އެސްލިޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، އައިސޯލާ ކްރިއޭޝަން ޕްރައިވެޓް ލިމިޓެޑް، ދީނަމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ލެމިންޓަންސް ޖުވެލްސް ޕްރައިވެޓް ލިމިޓެޑް، އެމް.ޔޫ.ކޭ އެޕެރަލްސް ޕްރައިވެޓް ލިމިޓެޑް، ލަކްޖެމްސް ޕްރައިވެޓް ލިމިޓެޑް އަދި އޯޝަން ވެލް ގާމެންޓްސް ޕްރައިވެޓް ލިމިޓެޑެވެ.

އެހެންކަމުން މި ކުންފުނިތަކުގެ ޑައިރެކްޓަރުންނާއި، ހިއްސާދާރުން އަދި ހުއްދަދެވިފައިވާ މަންދޫބުން ވީ އެންމެ އަވަހަކަށް މިނިސްޓްރީގެ އިންވެސްޓް މޯލްޑިވްސް ޔުނިޓާ ގުޅައި، އިންތިގާލީ މަރުހަލާގެ ޝަރުތުތައް ކަށަވަރުކޮށް، އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ވަނީ އަންގާފައެވެ.

މިނިސްޓްރީގެ މައިގަނޑު މަގުސަދަކީ އިންތިގާލީ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމުގައި ވިޔަފާރިތަކަށް ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި އިރުޝާދު ދިނުން ކަމަށްވާތީ، ލަސްނުކޮށް ވެލާނާގޭގެ 11 ވަނަ ފަންގިފިލާގައި ހުންނަ ފޮރިން އިންވެސްޓްމަންޓް ޔުނިޓާ ނުވަތަ 3333181 އަދި 3333182 ފޯނު ނަންބަރާ ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް