ތ. ހިރިލަންދޫގައި 200 ޓަނުގެ މަސް ފިނިކޮށް ރައްކާކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ރަސްމީކޮށް ޙަވާލުކުރުން
ތ. ހިރިލަންދޫގައި 200 ޓަނުގެ މަސް ފިނިކޮށް ރައްކާކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ރަސްމީކޮށް ޙަވާލުކުރުން
މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ. ހިރިލަންދޫގައި 200 ޓަނުގެ މަސް ފިނިކޮށް ރައްކާކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި އެ ކުންފުންޏާއެކު ސޮއިކުރީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިންނެވެ.

ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ކަންތަކެވެ.

މި އެއްބަސްވުމުގެ ދަށުން، 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއްގެ އިތުރުން އެއްފަހަރާ 10 ޓަނުގެ މަސް ގަނޑުކުރެވޭ ބްލާސްޓް ފްރީޒަރަކާއި، ފިނިހޫނުމިން 0 ޑިގްރީގައި ހިފަހައްޓާ އެންޓޭ ރޫމެއް އަދި މަސް ކަނޑައި ސާފުކުރުމަށް ޚާއްޞަ ޖާގައެއް ތަރައްޤީކުރާނެއެވެ. މީގެއިތުރުން، މުޅި ސަރަޙައްދު ބޭނުންކުރެވޭ ފެންވަރަށް ގެނައުމަށްޓަކައި ކަރަންޓު ފޯރުކޮށްދޭ ވިއުގައާއި، ބެކަޕް ޖަނަރޭޓަރާއި، އަލިފާން ނިއްވާ ނިޒާމުގެ އިތުރުން ޒަމާނީ އިލެކްޓްރިކަލް އަދި ނެޓްވޯކިންގ (އީ.އެލް.ވީ) ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ހިރިލަންދޫއަކީ ކޮންމެ ދުވަހަކުވެސް 30 ވަރަކަށް ޓަނުގެ މަސް ބޭނުންކޮށްގެން މަހުގެ ތަފާތު އުފެއްދުންތައް އުފައްދަމުން އަންނަ މުރާލި މަސްވެރި ރަށެކެވެ. އެހެންކަމުން، ބާނާ މަހުގެ ތާޒާކަން ނުގެއްލި ގިނަ ދުވަހު ރައްކާކުރެވޭނެ އިންތިޒާމެއް ހަމަޖެހުމަކީ އެ ރަށުގެ މަސްވެރިންނަށާއި، މަހުގެ ވިޔަފާރީގައި އުޅޭ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ފެސިލިޓީ ނިމުމުން ހިރިލަންދޫގެ އިޤްތިޞާދަށް އައު ދިރުމެއް ލިބި، މަސްވެރިން ބާނާ މަހަށް ހަމައަގު ލިބުމަށް މަގުފަހިވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް