ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް، ފޮޓޯ: ރައީސް އޮފީސް
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް، ފޮޓޯ: ރައީސް އޮފީސް
ނުކުޅެދުންތެރިކަން ހުންނަ ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ އިޚްތިޔާރީ ޕްރޮޓޮކޯލް ކަމަށްވާ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ސަރުކާރުން މިގޮތަށް ނިންމެވީ މި މަހުގެ 20 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން ހުށަހެޅުއްވި ކަރުދާހަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. އަދި ބައިނަލްއަޤްވާމީ މިފަދަ މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، އެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމާ ބެހޭ މައި މުޢާހަދާ 5 އެޕްރީލް 2010 ގައި ރާއްޖެއިން ތަޞްދީޤުކުރި ނަމަވެސް، މެންބަރު ޤައުމުތައް އަމިއްލަ އިޚްތިޔާރުގައި ބައިވެރިވާ މި ޕްރޮޓޮކޯލްގައި ރާއްޖެއިން މިހާތަނަށް ބައިވެރިވެފައެއް ނުވެއެވެ. އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި ރާއްޖެ ރިވިއުކުރެވުނު ގިނަ ފަހަރުތަކުގައި މި ޕްރޮޓޮކޯލް އަވަހަށް ތަޞްދީޤުކުރުމަށް ރާއްޖެއަށް ގިނަ ރިކޮމެންޑޭޝަންތަކެއް ވަނީ ލިބިފައެވެ. މި ޕްރޮޓޮކޯލަކީ މުޢާހަދާއިން ކަށަވަރުކޮށްދޭ ޙައްޤުތައް އިތުރަށް ހަރުދަނާކޮށް، މެންބަރު ޤައުމުތައް ޒިންމާދާރުކުރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެކުލަވާލާފައިވާ މުހިންމު ނިޒާމެކެވެ.

މި ޕްރޮޓޮކޯލްގައި މައިގަނޑު ދެ ނިޒާމެއް ހިމެނޭއިރު، އޭގެ ތެރެއިން އެއް ނިޒާމަކީ ވަކިވަކި ފަރުދުން ނުވަތަ ބައެއްގެ ޙައްޤެއް ނިގުޅައިގަނެވިއްޖެ ޙާލަތެއްގައި، ދާޚިލީ ގޮތުން ލިބިދޭ އެންމެހައި ޤާނޫނީ މަރުޙަލާތައް ފުރިހަމަކުރުމަށްފަހު އދ. ގެ ކޮމިޓީއަށް ސީދާ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދޭ ނިޒާމެކެވެ. މީގެ އިތުރުން ދެވަނަ ނިޒާމަކީ މެންބަރު ޤައުމަކުން މުޢާހަދާގައި ބަޔާންކުރާ ޙައްޤަކަށް ނިޒާމީ ސިފައެއްގައި ބޮޑު މިންވަރަކަށް އަރައިގެންފައިވާ ކަމަށް އިތުބާރުހުރި ގޮތެއްގައި ތުހުމަތުކުރެވިއްޖެނަމަ، އެ މައްސަލައެއް އަމިއްލައަށް ބަލައި ތަޙުޤީޤުކުރުމުގެ ބާރު އދ. ގެ ކޮމިޓީއަށް ލިބިދޭ އިންކުއަރީ ނިޒާމެކެވެ.

މި ޕްރޮޓޮކޯލްގައި ބައިވެރިވުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރާއްޖޭގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ އެންމެހައި ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އެކަންކަން ބައިނަލްއަޤްވާމީ އެންމެ މަތީ މިންގަނޑުތަކަށް ފެއްތުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް