ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
މިހިނގާ ނޮވެމްބަރު 12 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ، ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހަކީ، ޤައުމީ ބަންދު ދުވަހެއް ކަމަށް ވުމާއެކު، ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ ކަމަށެވެ.

އަދި މިފިޔަވަޅަކީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވުމަށް ރައީސް އެޅުއްވި ފިޔަވަޅެއް ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

މި ނިންމެވުމާއެކު، ޖުމްހޫރީ ދުވަހުގެ ބަންދާ ގުޅިގެން ނޮވެންބަރު 11 ވާ ބުދަ ދުވަހުން ފެށިގެން ހަފުތާ ބަންދާއެކު ޖުމްލަ 4 ދުވަހުގެ ޗުއްޓީއެއް ސަރުކާރުގެ މުވައްޒަފުންނަށް ލިބިގެންދާނެއެވެ. ޖުމްހޫރީ ދުވަހަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ދެވަނަ ޖުމްހޫރިއްޔާ ގާއިމުކުރެވުނު ތާރީހީ ދުވަހެވެ.

ދިވެހިރާއްޖޭގައި ދެވަނަ ޖުމްހޫރިއްޔާއެއް ގާއިމުކުރެވުނީ 11 ނޮވެންބަރު 1968 ގައެވެ. އެއީ ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓަކުން، ރަސްކަން ނިމުމަކަށް ގެނެސް ޖުމްހޫރީ ވެރިކަމުގެ ނިޒާމަކަށް ބަދަލުކުރުމަށް ނިންމުމާ ގުޅިގެންނެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއަކީ އިބްރާހީމް ނާސިރެވެ.



ކިޔުންތެރިންގެ ހިޔާލު