ފުލުހުން އަތުލައިގަނެފައިވާ ވޭޕް ކާރޓްރިޖުތައް، ފޮޓޯ: ފުލުހުން
ފުލުހުން އަތުލައިގަނެފައިވާ ވޭޕް ކާރޓްރިޖުތައް، ފޮޓޯ: ފުލުހުން
ދިވެހިރާއްޖެއަށް ގަވާއިދާ ޚިލާފަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރިކުރުމުގެ އިތުރުން މަނީ ލޯންޑަރިންގ ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖާއި ފައިސާތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު އިތުބާރު ހުރި މައުލޫމާތަކާ ގުޅިގެން، މި ހިނގާ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގެ ތެރެއިން މަގުމަތިން ދިވެހި ދެ ފިރިހެނުން ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށާއި، އެ މީހުން ދުއްވި ސައިކަލުގެ އިތުރުން އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ "އަމާން އުދަރެސް" އެޕާޓްމަންޓް ކޯޓު އަމުރެއްގެ ދަށުން ވަނީ ބަލައި ފާސްކޮށްފައެވެ.

އެ އެޕާޓްމަންޓާއި ސައިކަލް ބަލައި ފާސްކުރުމުގެ ތެރޭގައި 156 ވޭޕް ކާޓްރިޖާއި، ނެނޯ ސްޓިކްގެ އިތުރުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހިފެހެއްޓި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ގަވާއިދާ ޚިލާފަށް އެތެރެކުރާ ދުންފަތާއި ވޭޕްގެ ބާވަތްތައް ހުއްޓުވުމަށް ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުން ދަނީ މާލެއާއި އަތޮޅުތަކުގައި ސިލްސިލާ އޮޕަރޭޝަންތައް ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް