ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތްޕުޅުތަކާއެކު، ދިވެހިރާއްޖޭގެ އިޤްތިޞާދު އަލުން އާރާސްތުވެ، ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ޤައުމަކަށް ވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވީ، ރަސްމާލެ ސަރަޙައްދުގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ އިންޓަގްރޭޓެޑް އާބަން މަޝްރޫޢެއް ހިންގުމަށްޓަކައި، ދިވެހި ސަރުކާރާއި ޔޫއޭއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާ ދެމެދު ވިޔަފާރީގެ މައިގަނޑު އޮނިގަނޑުގެ އެއްބަސްވުމުގައި (ކޮމާޝަލް ޓާމްސް އެގްރީމަންޓް) ސޮއިކުރުމާ ގުޅިގެންނެވެ. މީސްމީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ އަދި ފާގަތި ބަދަލުތަކެއް ގެނެސްދޭނެ ތާރީޚީ ކާމިޔާބީއެކެވެ.

ދިވެހި އިޤްތިޞާދު ހަރުދަނާކުރައްވައި، ރާއްޖެއަކީ އިންވެސްޓްމަންޓްތަކަށް ފަހި، އަމާން އަދި ރައްކާތެރި މާޙައުލަކަށް ހެއްދެވުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފުކުރައްވަމުން ޝުޖާޢު ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން އެތައް ހާސް ދިވެހި ޒުވާނުންނަށް ވަޒީފާގެ އައު ފުރުޞަތުތައް ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި މިއީ އާންމު ރައްޔިތުންގެ މާލީ ފުއްދުންތެރިކަން އިތުރުކުރުމަށް އެޅޭ ނުހަނު މުހިންމު ފިޔަވަޅެއްކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެކި ފިޔަވަހިތަކަށް ބަހާލައިގެން ތަރައްޤީކުރާ މި މަޝްރޫޢުގެ ދަށުން، ދުނިޔޭގެ ފެންވަރުގެ ވޯޓަރފްރަންޓަކާއި މެރީނާއެއްގެ އިތުރުން، މަތީ ފަންތީގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ވިޔަފާރިއާއި ކެއިންބުއިމުގެ ޚިދުމަތްތައް ޤާއިމުކުރެވޭނެއެވެ. މީގެއިތުރުން މުނިފޫހިފިލުވުމާއި، ތަޢުލީމީ، ޞިއްޙީ އަދި އިޖުތިމާޢީ މުހިންމު ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢު އެއްކޮށް ނިމުމުން، އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ޢާމްދަނީއެއް ލިބި، މުޅި ރާއްޖޭގެ އިޤްތިޞާދަށާއި ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް