ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު
ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު
ދިވެހިރާއްޖޭގެ ތައުލީމީ ޖީލު ހަލާކުކޮށްލުމުގެ ޒިންމާ ނަގަންޖެހޭނީ އިދިކޮޅު އެމްޑީޕީން ކަމަށާއި، ސަރުކާރުން ހުށަހަޅާފައިވާ ހޯމް ސްކޫލިން ބިލަކީ އެކި ސަބަބުތަކާ ހުރެ މަގުމަތިވެ ތައުލީމުން މަހުރޫމުވަމުންދާ ދަރިވަރުން ސަލާމަތްކުރުމަށް ގެންނަ މުހިންމު އިސްލާހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމު ހުށަހަޅުއްވާފައިވާ ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން، ޝުޖާއު ވަނީ އެ ބިލަކީ "ޖާރިޔާ ބިލެއް" ކަމަށް ސިފަކޮށް އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ހޫނު ރައްދެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، ދަރިވަރުންގެ ހައްގުގައި ސަރުކާރުން އަޅާ މިފަދަ ހެޔޮ ފިޔަވަޅަކަށް އެފަދަ ދަށު ދަރަޖައިގެ ނަމެއް ދިނުމަކީ އެމްޑީޕީގެ ވިސްނުން ހައްދުފަހަނައަޅާފައިވާ މިންވަރު ހާމަކޮށްދޭ ހެއްކެއް ކަމަށެވެ.

މާޒީގެ ކަންކަމަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ތުހުމަތުކުރެއްވި ގޮތުގައި، މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުލަވައިލި ދުވަސްވަރު އެމްޑީޕީގެ ލީޑަޝިޕުން ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރީ ދިވެހި ޒުވާނުންގެ އަހުލާގާއި އިލްމީ ބިންގާ ސުންނާފަތިކޮށްލުމަށެވެ. އެގޮތުން ހިތުހުރި ގޮތަކަށް އުޅުމާއި، ބޭނުންހާ ވާހަކައެއް ދެއްކުމަކީ ރަނގަޅު ގޮތެއްގެ ގޮތުގައި ޒުވާނުންނަށް ވިސްނައިދީ، ގައުމުގެ އަގުތައް ވައްޓާލަން އެ ޕާޓީން މަސައްކަތްކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، ގައުމު ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ފައިދާހުރި ކޮންމެ އިސްލާހީ ބަދަލަކަށް ހުރަސްއެޅުމަކީ އެމްޑީޕީގެ ސިޔާސީ ފަލްސަފާއެވެ. އަދި ތައުލީމީ ބިލާ ދެކޮޅަށް އެ ޕާޓީން ތެދުވެފައިވަނީ ވެސް ހެޔޮ ބަދަލުތަކަށް ޖެއްސުންކުރުމުގެ އެ ވިސްނުމުގެ ތެރެއިންނެވެ.

މި ބިލުގެ މުހިންމުކަން ބަޔާންކުރައްވަމުން ޝުޖާއު ފާހަގަކުރެއްވީ، އާންމު މަދުރަސީ މާހައުލަށް ހާޒިރުވެގެން ކިޔެވުމަށް ދަތިވާ، ނަފްސާނީ އަދި ޖިސްމާނީ އެކި އުނދަގޫތައް ތަހައްމަލުކުރަމުންދާ އެތައް ދަރިވަރުންނެއް މިއަދުވެސް ރާއްޖޭގައި އެބަތިބި ކަމަށެވެ. އަދި އަލަށް ހުށަހެޅުނު އިސްލާހުގެ ދަށުން، އެފަދަ ކުދިންގެ ހާލަތު ވަޒަންކޮށް (އެސެސްމެންޓު ހަދައި)، ގޭގައި ތިބެގެން އޮންލައިންކޮށް ނުވަތަ މުދައްރިސުން ގެއަށް ގެނެސްގެން ވެސް އެ ކުދިންނަށް އުނގެނުމުގެ މަގު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އަމާޒަކީ ދިވެހި އެއްވެސް ދަރިއަކު ތައުލީމީ ނިޒާމުން ބާކީވިޔަނުދީ، ގައުމު ބިނާކުރުމުގެ މައިދާނަށް ނެރުން ކަމަށެވެ. އަދި ކޮންމެ ކުއްޖަކީވެސް މި ގައުމުގެ ކުރިމަގަށް ބޭނުންތެރި، ހަރުދަނާ ދަރިއެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ ފުރުސަތު ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް