މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން-
މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން-
ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފިއެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

މި ހާދިސާ އަކީ ކ. މާފުށީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި، 2026 އޮގަސްޓު 11 ވަނަ ދުވަހު މެންދުރު މީހަކު ބަލައި ފާސްކުރަމުން ދަނިކޮށް، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހަ މީހުން ހައްޔަރުކުރި މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން އޮގަސްޓު 11 ވަނަ ދުވަހު، މާރާމާރީ ހިންގި ސީނުން ސީދާ ހައްޔަރުކޮށްފައިވަނީ ކ. މާފުށި، ހެވަން، މުޙައްމަދު ޝާބިން ޝުޖާޢު (18އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރުތުތަކެއް ކުރުމަށްފަހު އޭނާ ދޫކޮށްލާފައެވެ. ނަމަވެސް، އޭނާ ދޫކޮށްލުމަށް ކޯޓުން ކުރި އަމުރު މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މި މައްސަލައިގައި ދެން ކޯޓު އަމުރުގެ ދަށުން ހައްޔަރުކުރި ފަސް މީހުންނަކީ އަބްދުالله ނިހާދު (30އ) / ސްޓާރލައިން، ކ. މާފުށި އާއި، އިބްރާހީމް ސުނީޒް (41އ) / ގްރީންޕާރކް، ކ. މާފުށި އާއި، އަޙްމަދު އަހުނަފް އަސްފާޤު (24އ) / ވާރޭވިލާ، ކ. މާފުށި އާއި، މުޙައްމަދު ޝައިޙާން (21އ) / ގްރީންޕާރކް، ކ. މާފުށި އާއި، ޙަސަން ނަބީލު (32އ) / ފާއިޒާމަންޒިލް، ކ. މާފުށިއެވެ.

މީގެ ތެރެއިން ޙަސަން ނަބީލު (32އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ސެޕްޓެމްބަރު 21 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.

ފުލުހުން ބުނީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ހަމަލާދޭ މައްސަލަތައް ފުލުހުންގެ އިދާރާއިން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު