ޗައިނާގެ ހައިނާން ޔުނިވަރސިޓީ ގުޅިގެން ކުރިއަށް ގެންދާ ޓްރެއިނިންގ ޕްރޮގްރާމް
ޗައިނާގެ ހައިނާން ޔުނިވަރސިޓީ ގުޅިގެން ކުރިއަށް ގެންދާ ޓްރެއިނިންގ ޕްރޮގްރާމް
މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއާއި ޗައިނާގެ ހައިނާން ޔުނިވަރސިޓީ ގުޅިގެން "މަސްވެރިކަމާއި ބްލޫ އިކޮނޮމީ" އަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ޓެކްނިކަލް ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާއެވެ.

މި މަހުގެ 21 އާއި 22 އަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަޞީލަތްތައް ބެލެހެއްޓުމާއި، ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކަށް އަމާޒުކޮށްގެން ޓްރޮޕިކަލް އެކުއަކަލްޗަރ ކުރިއެރުވުމަށެވެ.

މީގެއިތުރުން ހަލާކުވަމުންދާ ފަރުތައް އިޔާދަކުރުމާއި، މޫސުމީ ކާރިސާތައް ކުރިއާލައި ދެނެގަތުމާ ގުޅޭ ފަންނީ މަޢުލޫމާތުތައް ފޯރުކޮށްދިނުން ހިމެނެއެވެ.

މި ޓްރެއިނިންގގައި އެކި އިދާރާތަކުން ޖުމްލަ 51 ބައިވެރިން ބައިވެރިވެއެވެ.

އޭގެ ތެރޭގައި މަސްވެރިކަމާ ބެހޭ ވުޒާރާ، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ، މިފްކޯ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާރޖީ، އެންވައިރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ފަންނީ ބޭފުޅުން ހިމެނެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ހައިނާން ޔުނިވަރސިޓީގެ މަންދޫބުން ކ. މަނިޔަންފުށީގައި ހުންނަ މެރިކަލްޗަރ ރިސަރޗް ސެންޓަރަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމުކޮށްފައިވާ "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" ގެ ދަށުން ދެޤައުމުގެ ގުޅުން ބަދަހިކޮށް، ދާއިރާގެ އިދާރާތަކުގެ ފަންނީ ޤާބިލުކަމާއި ހުނަރު އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.



ކިޔުންތެރިންގެ ހިޔާލު