ރޭ އެކްސިޑެންޓު ހިނގި ސަރަހައްދު
ރޭ އެކްސިޑެންޓު ހިނގި ސަރަހައްދު
މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ސޯސަންމަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 01:12 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި ޒަޚަމްވެފައިވަނީ އުމުރުން 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ. އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލުތަކަށް ވަނީ ގެންގޮސްފައެވެ. އެގޮތުން އަނިޔާވި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އަނެއް ދެ ފިރިހެނުންނަށް ފަރުވާ ދެމުންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި ހާދިސާގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް 21 އަހަރުގެ ޒުވާނެކެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު