އެވިޑް ކޮލެޖުގެ ޑައިމަންޑް ކެމްޕަސްގެ ބޯޑު ރޫމާއި ހޯލް ހުޅުވުމުގެ ތެރެއިން ފޮޓޯ: ރަސް
އެވިޑް ކޮލެޖުގެ ޑައިމަންޑް ކެމްޕަސްގެ ބޯޑު ރޫމާއި ހޯލް ހުޅުވުމުގެ ތެރެއިން ފޮޓޯ: ރަސް
ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގައި ފާހަގަކޮށްލެވޭ އެވިޑް ކޮލެޖުގެ ޑައިމަންޑް ކެމްޕަހުގެ ދެވަނަ ފަންގިފިލާގައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ބޯޑްރޫމަކާއި ބޮޑު ހޯލެއް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

އެވިޑް ކޮލެޖުގެ 21 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޑައިމަންޑް ކެމްޕަހުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި ތަންތަން ހުޅުވައިދެއްވީ އެ ކޮލެޖުގެ ޗެއާމަން ޢަބްދުﷲ މުޝްތާޤް ރަޝާދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުޝްތާޤް ވިދާޅުވީ، ކޮލެޖުގެ 21 ވަނަ އަހަރީ ދުވަހާ ދިމާކޮށް މިފަދަ ޖާގަ ތަނަވަސް ހޯލަކާއި ބޯޑްރޫމެއް ހުޅުވިގެން ދިއުމަކީ ވަރަށް ޚާއްޞަ ކާމިޔާބީއެއް ކަމަށެވެ. އަދި މީގެ ސަބަބުން ކޮލެޖުގެ މުވައްޒަފުންނާއި ދަރިވަރުންނަށް އިންތިހާއަށް ފައިދާކުރާނެ ކަމަށާއި، މި ހޯލުގެ ސަބަބުން ގިނަ ބަޔަކަށް އެކި ކަހަލަ ޚާއްޞަ ހަފުލާތަކާއި އިވެންޓްތައް ބޭއްވުމުގެ ފުރުޞަތު ފަހިވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.



އެވިޑް ކޮލެޖުގެ ޑައިމަންޑް ކެމްޕަސް ހޯލް އަދި ބޯޑް ރޫމް ހުޅުމުގެ ރަސްމީޔާތުގެ ތެރެއިން ފޮޓޯ: ރަސްއޮންލައިން


އެވިޑް ކޮލެޖުން ބުނީ އަލަށް ހުޅުވުނު މި ހޯލަކީ އާންމުންނަށްވެސް ބޭނުންކުރެވޭނެ ފަދަ ލުއިފަސޭހަ ގޮތްތަކަކަށް ފަރުމާކުރެވިފައިވާ ތަނެއްކަމަށެވެ. އެގޮތުން ކައިވެނި ޕާޓީތަކާއި އުފަންދުވަހުގެ ޙަފުލާތަކުގެ އިތުރުން، އެކި ކަހަލަ ސެމިނަރތަކާއި މަސައްކަތު ބައްދަލުވުންތައް އަދި ތަފާތު ޖަލްސާތައް ބޭއްވުމަށް މި ހޯލް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

150 މީހުންގެ ޖާގައިގެ މި ހޯލަކީ، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމައަށް އޭސީކޮށް، އަޑާއި އަލީގެ ޚިދުމަތްތައްވެސް އެންމެ މަތީ ފެންވަރުގައި ލިބެންހުންނާނެހެން ތަރައްޤީކޮށްފައިވާ ހިތްގައިމު ހޯލެކެވެ. އެހެންކަމުން މިއީ ކުދި އަދި މެދުފަންތީގެ ތަފާތު އެކި އިވެންޓްތަކާއި ބައްދަލުވުންތައް ބޭއްވުމަށް ނުހަނު އެކަށޭނަ، ތަނަވަސް މާޙައުލެކެވެ.



އެވިޑް ކޮލެޖުގެ ޑައިމަންޑް ކެމްޕަސްގެ ހޯލް


ވޭތުވެދިޔަ 21 އަހަރު ދުވަހުގެ ތެރޭގައި އެވިޑް ކޮލެޖުން ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީ، ފެންވަރު ރަނގަޅު އެތައް ހާސް ދަސްވެނިންނެއް ޤައުމީ ޚިދުމަތަށް ނެރެދީފައެވެ. ޒަމާނީ ވަސީލަތްތަކާއެކު ދަރިވަރުންނަށް ފަހި ތަޢުލީމީ މާޙައުލެއް ޤާއިމުކޮށްދިނުމުގައި ދެމިއޮތް އެވިޑް ކޮލެޖަކީ، މިއަދު ރާއްޖޭގެ އަމިއްލަ ކޮލެޖުތަކުގެ ތެރެއިން އާންމުންގެ އިތުބާރު އެންމެ ބޮޑަށް ހޯދާފައިވާ އެއް މުއައްސަސާއެވެ. މި އާ ވަސީލަތްތަކާއެކު އެ ކޮލެޖުގެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.

މީގެއިތުރުން، އެވިޑް ކޮލެޖުގެ އަމާޒަކީ އަބަދުވެސް ޒަމާނާ އެއްވަރަށް ޚިދުމަތްތައް ތަރައްޤީކޮށް، ދަރިވަރުންނަށާއި މުޖުތަމަޢަށް ބޭނުންތެރި ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށް އެ ކޮލެޖުން ބުނެއެވެ. އެގޮތުން މިއަދު ތަޢާރަފްކުރެވުނު މި ބޯޑްރޫމަކީވެސް މަތީ ފެންވަރުގެ ރަސްމީ ބައްދަލުވުންތަކާއި، ވީޑިއޯ ކޮންފަރެންސް އަދި އެގްޒެކެޓިވް ޓްރެއިނިންގތައް ކުރިއަށްގެންދެވޭނެ އެންމެ ފަހުގެ ސްމާޓް ޓެކްނޮލޮޖީއާއެކު ތައްޔާރުކުރެވިފައިވާ ތަނެއްކަން އެވިޑް ކޮލެޖުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް