އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ
އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓަރީ ވެފައިވާ މީހުންގެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި އަޕްޑޭޓް ނުކުރެވުމުގެ ސަބަބުން، ނިޔާވެފައިވާ 700 އަށް ވުރެ ގިނަ މީހުންގެ އެކައުންޓަށް ދައުލަތުގެ ބަޖެޓުން 10 މިލިއަނެއްހާ ރުފިޔާ ޖަމާކުރެވިފައިވާ ކަމަށް އެ އިދާރާގެ ސީއީއޯ އާމިނަތު ޝިރުނާ ހާމަކުރަށްވައިފިއެވެ.

ދައުލަތުގެ މީޑިއާގައި ރޭ ޝިރުނާ ވިދާޅުވީ، އެންސްޕާގެ މޮނިޓަރިން ސެކްޝަން 2020 ވަނަ އަހަރު އުވާލާފައިވާ ކަމަށެވެ. މީގެ ސަބަބުން، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދޭ މީހުންގެ ހާލަތު ބަލައި މޮނިޓަރު ކުރުމުގެ މަސައްކަތް "ބޮއްސުންލައި"، ދައުލަތަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެންސްޕާގެ ދަށުން ހިންގާ އިޖުތިމާއީ އެހީތެރިކަމުގެ ޕްރޮގްރާމްތަކަކީ ދިރިއުޅުމުގެ ހާލަތަށް ބަލައި، މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ ޕްރޮގްރާމްތަކެކެވެ. ޝިރުނާ ވިދާޅުވީ، މި އެހީތަކަކީ ސީދާ އެއަށް ހައްގުވާ ފަރާތްތަކަށް ލިބޭ އެހީތަކެއްކަން ކަށަވަރު ކުރުމަކީ އެންމެ މުހިއްމު ކަންތަކަށް ވީއިރު، މޮނިޓަރިން ސެކްޝަން އުވާލުމާއެކު އެ ކަންކަން ބެލެހެއްޓުން ވަނީ މުޅިން ހުއްޓިފައި ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މިދަނީ އަލުން އެ ސެކްޝަންގެ މަސައްކަތް އިޔާދަކޮށް، ސިސްޓަމް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްކުރަމުން." ޝިރުނާ ވިދާޅުވިއެވެ.

އެންސްޕާގައި ގާތްގަނޑަކަށް 15،000 އެއްހާ މީހުން އެކި ބާވަތުގެ އެހީތަކަށް ރަޖިސްޓަރީވެފައި ތިބެއެވެ. މީގެ ކުރިން މޮނިޓަރިން ސެކްޝަނުން މަހުން މަހަށް އެ މީހުންގެ މައުލޫމާތު އަޕްޑޭޓް ކުރަމުން ދިޔަ ނަމަވެސް، އެ މަސައްކަތް ހުއްޓުމުގެ ނަތީޖާއަކީ ނިޔާވެފައިވާ މީހުންގެ އެކައުންޓަށް ވެސް މާލީ އެހީގެ ފައިސާ ޖަމާވަމުން ދިއުން ކަމަށް ޝިރުނާ ވިދާޅުވެފައިވެއެވެ.

އޭގެއިތުރަށް ޝިރުނާ ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތުގެ ދަށުން މޮނިޓަރިން ސެކްޝަން އަލުން ގާއިމުކޮށް، ދައުލަތުން ދޫކުރާ ފައިސާއަކީ އެންމެ ހައްގުވެރި ފަރާތްތަކަށް ދެވޭ ފައިސާކަން ކަށަވަރު ކުރާނެ ކަމަށެވެ. މި ބަދަލާއެކު އެންސްޕާގެ ހިންގުން އިތުރަށް ހަރުދަނާވެ، އިސްރާފު ކުޑަވެގެންދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު