އެކްސިޑެންޓެއް
އެކްސިޑެންޓެއް
2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މާލެ އާއި، ސިނަމާލެ ބްރިޖް އަދި ހައިވޭގައި ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ރިޕޯޓްތަކަށް ބަލާއިރު، 1 ޖަނަވަރީ 2026 އިން 30 ޖޫން 2026 އަށް މާލެ ސަރަހައްދުގައި ޖުމްލަ 1،355 އެކްސިޑެންޓް ވަނީ ހިނގާފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7.49 އެކްސިޑެންޓެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެކްސިޑެންޓްތަކުގެ ބޮޑު އިންސައްތައެއް ހިނގާފައިވަނީ މާލޭގެ މަގުތަކުގައެވެ. އެގޮތުން ޖުމްލަ އެކްސިޑެންޓްގެ 83.25 އިންސައްތަ (1،128 އެކްސިޑެންޓް) މާލޭގައި ހިނގާފައިވާއިރު، ބްރިޖާއި ހައިވޭ ސަރަހައްދުގައި ހިނގާފައިވަނީ 16.75 އިންސައްތަ (227 އެކްސިޑެންޓް) އެވެ. މިއީ ކޮންމެ ފަސް އެކްސިޑެންޓަކުން ހަތަރު އެކްސިޑެންޓަށްވުރެ ގިނަ އަދަދެކެވެ.

ވަގުތަށް ބަލާއިރު، ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުގައެވެ. އެގޮތުން 66.49 އިންސައްތަ (901 އެކްސިޑެންޓް) ދުވާލު ހިނގާފައިވާއިރު، ރޭގަނޑުގެ ވަގުތުތަކުގައި ރެކޯޑުކުރެވިފައިވަނީ 33.51 އިންސައްތަ (454 އެކްސިޑެންޓް) އެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ އެކްސިޑެންޓް ރެކޯޑުކުރެވިފައިވަނީ ޖަނަވަރީ މަހުއެވެ. އެ މަހު 253 އެކްސިޑެންޓް ހިނގިއިރު، އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ ފެބްރުއަރީ މަހު (191 އެކްސިޑެންޓް) އެވެ. މާރިޗު މަހުން ފެށިގެން އެކްސިޑެންޓްތަކުގެ އަދަދު އަނެއްކާވެސް އިތުރުވާން ފަށާފައިވެއެވެ. އެގޮތުން މާރިޗު މަހު 236، އެޕްރީލް މަހު 232 އަދި މޭ މަހު 238 އެކްސިޑެންޓް ވަނީ ހިނގާފައެވެ. ނަމަވެސް ޖޫން މަހު މި އަދަދު ވަނީ 205 އަށް ތިރިވެފައެވެ.

މި ހަ މަސްދުވަހުގެ ތެރޭގައި ހިނގި އެކްސިޑެންޓްތަކުގައި 2 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި 31 މައްސަލައެއްގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، 1،322 މައްސަލައެއްގައި ލިބިފައިވަނީ ކުދި އަނިޔާތަކެވެ.

އުޅަނދުތަކަށް ލިބުނު ގެއްލުންތަކަށް ބަލާއިރު، ޖުމްލަ 1،482 އުޅަނދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. މި ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސްގެ ތެރެއިން ބަދަލުގެ ގޮތުގައި ޖުމްލަ 3،284،622 (ތިން މިލިއަން ދެލައްކަ އަށްޑިހަ ހަތަރުހާސް ހަސަތޭކަ ބާވީސް) ރުފިޔާ ވަނީ ނަގައިދެވިފައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 547،437 ރުފިޔާއެވެ.

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުޖުތަމައުގެ ހުރިހާ ފަރާތްތަކެއްގެ ކަންބޮޑުވުމަކަށް ވާއިރު، ފުލުހުން ވަނީ ދަތުރުފަތުރުކުރާ ހުރިހާ ފަރާތްތަކުން ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު